އެއް އާއިލާއަކުން ދެތަނެއް ދައުލަތުން ފޯރުކޮށްދިނުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށާއި، ވަރިވެދާނެކަމަށް ބަލާ ދެމަފިރިއަކަށް ފްލެޓް ލިބުން ހުއްޓުވުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، އަނބިމީހާ ނުވަތަ ފިރިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ލިބިފައިވާނަމަ، އަނެއް ފަރާތަށް ފްލެޓް ނުދެވޭތޯ ވަރަށް މަސައްކަތް ކުރެއްވި ނަމަވެސް، އިއުލާނުކޮށްފައިވާ އުސޫލުތަކާއި ގާނޫނުތަކާއި ގަވާއިދުތަކުގައި އެކަން މަނާކުރާނެ އެއްވެސް މާއްދާއެއް ނެތްކަމަށެވެ.
”ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބިންވެރިޔާ ސްކީމުން ގޯތި އަނބިމީހާ އަށް ނުވަތަ ފިރިމީހާއަށް ލިބިފަ އިނދެއްޖެއްޔާމުން ނުދޭން އަޅުގަނޑުމެން އިއުލާނުގަ ޖެހިން. އެހެން ނަމަވެސް އެކަންވެސް އަޅުގަނޑުމެންނަށް މިދެންނެވިގޮތަށް އުސޫލުގަ ނެތުމުގެ ސަބަބުން އެންމެ ފަހުން ޖެހުނީ އެ ތަން ބަދަލު ކުރަން,“ މިނިސްޓަރު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ގާނޫނީ ލަފާ ދެފަހަރެއްގެ މަތިން ހޯއްދެވި ކަމަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދައުލަތުން ބެނެފިޓެއް ދޭއިރު ދޭންވާނީ އެވަގުތެއްގެ ހާލަތަށް ބަލައިގެން ކަމަށާއި، ފަހުން ވެދާނެ ކަމަކަށް ބަލައިގެން ނޫންކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑު ގަބޫލެއް ނުކުރަން އެއް އާއިލާއަކުން ދެތަނެއް ދައުލަތުން ފޯރުކޮށްދޭންޖެހޭނެ ކަމަށް، އެ ތަންތަން ބޭނުންވާ ބައިވަރު އާއިލާތައް ތިއްބާ. އެހެންވީމާ ހަގީގަތުގައި ބިންވެރިޔާ ސްކީމްވެސް ގެދޮރުވެރިޔާ ސްކީމް ވެސް ހިންގާފަ މިވަނީ ސޯޝަލް ޖަސްޓިސް އޭންގަލް އަކުން ބަލާކަމުގަވާނަމަ އެންމެ ފެއާ ގޮތަކަށް ނޫނޭ,“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރިން ބޯހިޔާވެހިކަން ދޫކޮށްފައިވާ 900 އަސްވުރެ ގިނަ ފަރާތަކަށް އެ ސްކީމްގެ ދަށުންވެސް ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ ލިޔުންވެސް ދޫކޮށްފަ އެވެ. އަދި އެ ސްކީމްގެ ތެރެއިން ކައިވެނިކޮށްގެން އުޅުނު ދެމަފިރިއަކަށްވެސް ފްލެޓް ދޫކޮށްފައިހުރިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ މި ސްކީމްގެ ދަށުން އެގޮތަށް ކަންކަންވިޔަސް ކުރިއަށްއޮތް ތަނުގައި ކުރިއަށްގެންދާނެ ސްކީމްތަކުގައި އެހެން ނުވާނެގޮތަށް، އުސޫލުތަކާއި ޤާނޫނުތައް އެކުލަވާލާނެކަމުގެ ޔަަޤީންކަން ދެއްވާފަ އެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ