އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޓީޗަރުން ތަމުރީނު ކުރުމަށް ކެމްޕޭނެއް އަންނަ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނު ކުރުމުގެ ބޮޑު ކެމްޕޭނެއް އަންނަ އަހަރު ފަށާނެ ކަމަށެވެ.
އެގޮތުން އަންނަ ރޯދަ މަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެ ކަމަށާއި ގަސްތުކުރަނީ އޭއައި ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި، ފަންނީ ގާބިލުކަން މަތިކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމުރީނުތައް މި މުއްދަތުގެ ތެރޭގައި ދިނުން ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ފަންނީ ގޮތުން ޓީޗަރުންގެ ގާބިލުކަން އިތުރުކުރެވިގެންމެނުވީގައުމާ ދޭތެރޭ ވިސްނައި ފިކުރު ކުރާ ދަރިވަރުންތަކެއް ނުއުފެއްދޭނެ ކަމަށެވެ. އަދި މިކަމަށް ކަރިކިއުލަމަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.
ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖެއް ބާކީނުވުމަކީ އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝަފީއު ވިދާޅުވީ، ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ މިކަމަށް ސިޔާސަތުތައް އިތުރަށް ތަރައްގީކުރުން ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ޖުމްލަ 210 ޕްރިންސިޕަލުން ބައިވެރިވެ އެވެ. މިއީ މީގެ ކުރިން ބޭއްވުނު މަހާސިންތާތަކާ ތަފާތު ގޮތަކަށް ކުރިއަށްދާނެ މަހާސިންތާއެއް ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.