ދިވެހިންގެ ތެރޭގައި ކުރިން އޮތް އިހުތިރާމް ކުރުމުގެ އާދަ މިހާރު ވަރަށް ބޮޑުތަނުން ވެއްޓިފައިވާ ކަމަށާއި، އެ އިހުތިރާމް އަނބުރާ އިއާދަ ކުރުމަށް ގައުމީ ކެމްޕެއިނެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ، އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އދ. މަހިބަދޫގައި ރޭ ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާއެކު، ދިވެހިންގެ ސިކުނޑިތައް ވެސް ތަރައްގީވާން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރިން އޮތް އިހުތިރާމް ކުރުމުގެ އާދަ ސިޔާސީ އޮއިވަރެއްގައި ޖެހިގެން މިހާރު ވަރަށް ބޮޑުތަނުން ވެއްޓިފައިވާ ކަމަށެވެ.
”އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުން، އެކަކު އަނެކަކަށް އޮންނަންޖެހޭ ގާތް ގުޅުން މިއީ ރާއްޖޭގައި ދިވެހިންގެ ތެރޭގައި ފަހުރުވެރިކަމާއެކު އަޅުގަނޑުމެން ބަލައިގަންނަ ކަމެއް،“ ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އަންނަ އަހަރު ތެރޭގައި ސަރުކާރުން ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫ“ ގެ ނަމުގައި ބިޔަ ކެމްޕެއިނެއް ފައްޓަވާނެ އެވެ. މި ކެމްޕެއިންގައި ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކާއި ޕާޓީތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުން ހޯއްދަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ކެމްޕެއިންގެ މަގުސަދަކީ މައިންބަފައިންނާއި، އަވައްޓެރިންނާއި، ދުވަސްވީ މީހުންނާއި، ކްލާސްރޫމްތަކުގައި މުދައްރިސުންނަށް އިހުތިރާމް ކުރުމުގެ އާދަ އަލުން އާލާކުރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މި ކެމްޕެއިންގެ ހަގީގީ ނަތީޖާ ފެންނާނީ އެންމެންގެ ބައިވެރިވުމާއެކު، ވަށާޖެހޭ މަސައްކަތެއް ކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
