މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ އިންތިހާބުގައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.
މި މަގާމުތަކަށް ވޯޓަކާ ނުލާ މެންބަރުން ހޮވުނީ ހަތަރު މީހުންނަށް ވުރެ އިތުރަށް މީހަކު ކުރިމަތި ނުލުމުންނެވެ. ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް މިހާރު އެ އިންތިހާބު ބާއްވާކަށް ނުޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލި އެއް ކެންޑިޑޭޓަކު އަނބުރާ ނަން ގެންދިއުމާ ގުޅިގެން، އެ މަގާމަށް ޝަރުތު ހަމަވެފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށްވެސް ކުރިމަތިލާފައިވަނީ ހަމަ ދެ ކެންޑިޑޭޓުންނެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ހޮވިފައިވަނީ ށ. ފޭދޫ، މޫނިމާގެ، އަބްދުލްޢަޒީޒް އިބްރާހީމް އާއި ގދ. ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ހޮވިފައިވަނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމް އާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފް އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުން ތިބޭއިރު، އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބުގައި ހޮވަންޖެހެނީ ހަތަރު މެންބަރުންނެވެ. ބާކީ 3 މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.