ސަރުކާރުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރުންގެ މަޤާމުތަކަށް މިއަދު ހުޅުވާލައިފި އެވެ.
ޤާނޫނު ބުނާ ގޮތުން ޖުމްލަ ހަތް މެންބަރުން ތިބޭ މި ކޮމިޝަނުގެ ތިން މެންބަރުންނަކީ މަޖިލީހުން ކަނޑައަޅާ މެންބަރުންނެވެ. މަޖިލީހުން މިއަދު ކުރި އިޢުލާނުގައި، މި ތިން މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މަޖިލީހުން ކުރި އިޢުލާނުގައި، ކޮމިޝަނުގެ މެންބަރެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ވެފައިވާ ދިވެހި ރައްޔިތަކަށްވުމާއި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ހައްދު ކަނޑައެޅިފައިވާ ކުށެއް، ޑްރަގު ވިޔަފާރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ހިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުމަކީވެސް މުހިންމު ޝަރުތުތަކެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުންގެ މަޤާމުތަކަށް ހުޅުވާލި އިރު، މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މަޤާމުގެ އިންތިޚާބަށް މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ފުރަތަމަ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ވަނީ އާންމުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) މީޑިއާ ބިލް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން