ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ގަލްފް އެއާ އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ގަލްފް އެއާއަށް އައު ޓާމިނަލުން ހިދުމަތްދޭން ފަށާފައިވަނީ އިއްޔެ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން، އަބްދުﷲ ގިޔާސް އެވެ.
މި ރަސްމިއްޔާތުގައި ގަލްފް އެއާގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސްގެ އިތުރުން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި، ދެ ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ގަލްފް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ.
ޓާމިނަލް 1 އަށް ކައިރިކުރި ގަލްފް އެއާގެ ފުރަތަމަ މަތިންދާބޯޓު GF145 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ ވަޑައިގެންނެވި 18 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވެ އެވެ.

ބަހްރެއިންގެ ގައުމީ އެއާލައިން ކަމުގައިވާ ގަލްފް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 27 އޮކްޓޫބަރު 2019 ގަ އެވެ. މި އެއާލައިނުން ބަހްރެއިނާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދުވެސް ދުވާލަކު އެއް ފްލައިޓް ބާއްވަ އެވެ. ގަލްފް އެއާއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 9 ވަނަ އެއާލައިން އަދި މެދުއިރުމަތީގެ ދެވަނަ އެއާލައިން އެވެ.
ޓާމިނަލް 1 އިން މިހާރު ހިދުމަތްދޭ އެހެން އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް އަދި އިންޑިގޯ ހިމެނެ އެވެ. އެމްއޭސީއެލްއިން ބުނި ގޮޮތުގައި އެ ކުންދުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.