އެއްދުވަހު ކަމުދާ ލީޑަރު އަނެއްދުވަހު ކަމުނުގޮސްދާނެކަމީ ދުނިޔެވީ ގާނޫނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރީ-އެމްޕްލޯއިންމަންޓް ބިލަށް ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޖޭއެސްސީން މައްސަލަ ބެލުމަށްފަހު މަޖިލީހުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނު ކުރުމަށް ރައީސްގެ ލިސްޓުގެ ކުރީގައި ހިމެނުމުން އެވާހަކަތަކަށް އަލިއަޅުވާލާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލިސްޓުގެ ކުރީގައި މަހާޒް އޮތުމުން، މިކަމުގެ ހަގީގަތަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. މިފަދަ ކަންކަމުން ރައްޔިތުންގެ އިތުބާރު ރައްޔިތުންގެ މަޖިލީހަށާއި ޖޭއެސްސީއަށާއި ސުޕްރީމް ކޯޓަށް ގެއްލޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މިކާއިލްގެ ވާހަކައަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ދުނިޔެ ހިނގަމުންދާއިރު އެކިދުވަހު އެކިގޮތަށް ކަންކަން ހިނގަމުންދިއުމަކީ ދުނިޔެވީ ގާނޫނު ކަމަށެވެ.
”އެއްދުވަހު ކަމުދާ ލީޑަރު އަނެއްދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއްދުވަހު އިތުބާރު ނުކުރެވޭ ވެރިއަކު، އަނެއްދުވަހު ފެނުނީމަ އިތުބާރު ކުރެވިދާނެ.“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އިތުބާރަކީ އެކަހަލަ ގޮތަކަށް އޮންނަ ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ހުށަހެޅުނު މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު، އެ މައްސަލަ ސާބިތުވާ ކަމަށް ނިންމުމުން ރައްޔިތުންގެ މަޖިލީހުންނެވެ.
ނަމަވެސް މިފަހުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް ޚިޔާރުކުރައްވާ ތަރުތީބުން މަޖިލީހަށް ހުށަހެޅިއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް