މަޖިލީހުގެ މެންބަރަކު ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިފިނަމަ ގޮނޑި ގެއްލެންޖެހޭނެ: ފަލާހު

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުންފަދަ ކުށެއް ކޮށްފިނަމަ ގޮނޑި ގެއްލެންޖެހޭނެ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކަންތިބި ބައެއް ކަމަށެވެ. އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއަކީ އާދަޔާ ޚިލާފު ނުރައްކާތެރި މުޒާހަރާއެއް ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލިކަން ފަލާހު ފާހަގަކުރެއްވި އެވެ.

ފަލާހު ވިދާޅުވީ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބެރިކޭޑެއްގެ ތެރެއަށް ވަދެހުރެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށެވެ.

”ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވިޔަސް އެވަރުގެ ކުށެއް ކޮށްފިކަމަށްވަންޏާ، އެ މެންބަރެއްގެ ގޮނޑި ގެއްލެއްޖެހޭނެ.“ ފަލާހު ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށްއޮތް ތަނުގައި މިކަމަށް ވިސްނައިގެން ގާނޫނުތަކާއި ގަވައިދުތަކަށް އިސްލާހުތައް ގެންނަންޖެހޭ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ. އެހެން ނޫންނަމަ ރާއްޖެއަށް ދުވަހަކުވެސް އަމާންކަމެއް އަދި ރައްކާތެރިކަމެއްވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއަކީ އެ ޕާޓީން ވަރަށް ދުރާލާ ނުބައި ރޭވުންތަކެއް ރާވައިގެން ކުރިއަށްގެންދިޔަ މުޒާހަރާއެއް ކަމަށެވެ. ނަމަވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމަށް ވަރަށް ތެދުވެރިބައެއްކަން އެނގޭ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ސަރުކާރެއްކަން މިއަދު ހާމަވާކަމަށް ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ