ސަރުކާރުގެ އައިނު ފިހާރަ ހިންގަން އަހަރަކަށް 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ، އާސަންދައިން އައި ހައްދައިދޭ އުސޫލު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރި ކުރުމަށް ނިންމި ސަބަބަކީ ކޮބައިތޯ އަދި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަށް ކިހާ ހަރަދެއްދިޔަތޯއާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާތޯ ސުވާލު ކޮށްފަ އެވެ.
މި ސުވާލުތަކަށް މިނިސްޓަރު ނާޒިމް ލިޔުމުން ފޮނުވި ޖަވާބުގައި ވިދާޅުވެފައިވަނީ، އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭތަން ހެދުމަށާއި، އެތަނަށް ބޭނުންވާ އާލާތްތައް ގަތުމަށް 2.6 މިލިއަން ރުފިޔާ ހަރަދުވިކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
”އައިނު ފިހާރައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކަށް 3،456،212.67 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ.“ މިނިސްޓަރު ނާޒިމް ފޮނުވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
ސީދާ ސަރުކާރުން އައިނު ވިޔަފާރި ކުރުމަށް ނިންމި ސަބަބަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ދެއްވި ޖަވާނުގައި މިނިސްޓަރު ވިދާޅުވީ، އަމިއްލަ އޮޕްޓިކަލް ތަކުން ފޯރުކޮށްދޭ އައިނުގެ ހިދުމަތް ހޯދުމަކީ އާންމުންނަށް މާލީގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. އަދި އާސަންދައިން ކަވަރުކުރަމުންދަނީ ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާކަމުން، ގިނަ ރައްޔިތުންނަށް ގިނަ ފަހަރަށް އަމިއްލަ ޖީބުން އެތައްހާސް ރުފިޔާއެއް ހަރަދުކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗްގައި އޮޕްޓިކަލް ހިދުމަތް ގާއިމުކޮށް، ސަރުކާރުގެ އަމާޒަކީ އިތުރު އަގަކާ ނުލާ އައިނު ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައްޔިތުންގެ މަޖިލިސް