ސްރީލަންކާ އަދި ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
ސަފީރުންގެ ފަތްކޮޅު ރައީސްއަށް އެރުވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.
އެގޮތުން ސްރީލަންކާގެ ސަރުކާރުުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ މުހައްމަދު ރިޒްވީ ހަސަން އެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އަދި ސްރީލަންކާގެ ސަފީރު ވަނީ، ވިޔަފާރި އާއި އިޤްތިސާދާއި، މޫސުމީ ބަދަލުތައް ފަދަ، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ. އަދި ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމުގައި ކުރެވިދާނޭ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ގަ އެވެ.
ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ އެމް.ޑީ ނަޒްމުލް އިސްލާމް އެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުންވެސް ރާއްޖެ ބަންގްލަދޭޝްގެ ދުވަސްވީ ގާތްގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ. އަދި ދަނޑުވެރިކަމާއި، އިގްތިސާދީ ކުރިއެރުމާއި، މަތީ ތައުލީމުގެ ދާއިރާ އަދި ވިޔަފާރީގެ އިންވެސްޓްމެންޓްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - ބަންގްލަދޭޝް ސްރީލަންކާ