އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޚަލީލް މިފަދައިން ވިދާޅުވެފައިވަނީ، ރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރިގޮތް ކުށްވެރިކޮށް އަދި އެލްއާރުއޭޑީ ބޭނުންކުރުން ކުށްވެރިކޮށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަ އެވެ.
އެގޮތުން މިނިސްޓަރު ޚަލީލް ވިދާޅުވީ މުޒާހަރާ ކުރިއަށްގެންދިއުމަށް އެމްޑީޕީއަށް ބޮޑުތަކުރުފާނުމަގު ފުލުުހުން ހަމަޖައްސައިދިން ކަމަށާއި އެގޮތަށް ހަމަޖެއްސީ އެމްޑީޕީ ލީޑަރުންނާއިއެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ދިއުމަށް މަސައްކަތްކުރިކަން ފާހަގަކޮށް ހަލީލް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށެވެ އެގޮތުން މުޒާހަރާގެ ބައިވެރިން ބެރިކޭޑް ބޭނުންކޮށް ފުލުހުންނަށް ހަމަލާދިން ކަމަށާއި އަދި ފުލުހުންގެ ޝީލްޑްފަދަ އާލާތްތައް އަތުލިކަން ފާހަގަކޮށްފައިވެ އެވެ.
ފުލުހުންގެ ވާޖިބަށް މުޒާހަރާގެ ބައިވެރިން ހުރަސްއެޅިނަމަވެސް، ހަމަނުޖެހުން ހިންގުން ހުއްޓުވައި، އަމަންއަމާންކަން ދެމެހެއްޓުމަށް ފުލުހުން ގާނޫނާ އެއްގޮތަށް އަމަލުކުރިކަމަށް ޚަލީލް ވިދާޅުވި އެވެ.
މީގެއިތުރުން ޚަލީލް ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް ޝާހިދުއަށް ގޮވާލައްވާފަ އެވެ.
ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރީ މަޖިލީދީމަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ފުލުހުން ވަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ، އެއްބަސްވެފައިވާ މަގުތަކުން ކުރިއަށްދިއުމަށް ތަކުރާރުކޮށް އެދިފަ އެވެ. ރޭގެ މުޒާހަރާގެ ތެރެއިން 8 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.