މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްދޭން ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓުގައި މިގޮތަށް އެދިފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަންގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ އެމްޑީޕީގެ އެކައުންޓުތައް ފްރީޒްކޮށްގެން ފައިސާ ހޯދުމަށް އެދިފަ އެވެ.
ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް، އެ ފައިސާ އަދިވެސް ދައްކާފައި ނުވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
އައިލެންޑް އޭވިއޭޝަނުން މިހާރު އެދިފައިވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދޭން ހަމަޖެހިފައިވާ 8.45 މިލިއަން ރުފިޔާގެ ތެރެއިން މި ފައިސާ އުނިކުރުމަށްފަހު ކޯޓު މެދުވެރިކޮށް ހޯދުމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓުން އިއްޔެ ހަވީރު އެމްޑީޕީއަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ވެއެވެ.
މިދިޔަ އަހަރު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގައިވަނީ 5.6 މިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމުމަށެވެ. ނަމަވެސް އެމްޑީޕީން އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައެއް ނުވެ އެވެ. އެއާއެކު އައިލެންޑް އޭވިއޭޝަނުން ވަނީ އެ އެއްބަސްވުން އުވާލާ، ނުދައްކާ ހުރި ފައިސާ ގަނޑުކޮށް ހޯދުމަށް ނިންމާފަ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އެމްޑީޕީ މޯލްޑިވިއަން