ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަންޖެހޭފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިދިކޮޅު އެކްޓިވިސްޓް އާއިޝަތް ޝިމަން އަހުމަދުގެ ފޯނު ފުލުހުން ރޭ ހިފަހައްޓައިފި އެވެ.
ޝިމަންގެ ފޯނު ހިފެހެއްޓުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، ސެޕްޓެމްބަރު 20 ވަނަ ދުވަހު ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ޝިމަން ބޭނުންކުރާ ކަމަށް ބެލެވޭ އެކައުންޓަށް ރައީސް މުއިއްޒު އަވަހާރަކޮށްލަންޖެހޭފަދަ މޭރުމަކުން ކޮމެންޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހެކި ޤަރީނާ ހޯދުމަށެވެ.
އެގޮތުން ފޯނާއި ޑޭޓާ ތަހްލީލުކުރުމަށް، ފުލުހުންނާ ފޯނު ހަވާލުކޮށް، އެޕްލިކޭޝންތަކަށް އެކްސަސްވުމަށް ބޭނުންވާ ޕާސްވޯޑާއި ޕެޓާންއާއި އަދި އެކްސެސްވުމަށް ބޭނުންވާ އެނޫންވެސް އެހެނިހެން މައުލޫމާތު ދިނުމަށް އަމުރުކޮށްފައިވެ އެވެ.
ޝިމަންގެ ފޯނު ހިފެހެއްޓިއިރު، މީގެކުރިން ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ކުރި މުޒާހަރާތަކުގެ ތެރެއިން ޝިމަން ހައްޔަރުވެސް ކޮށް ދައުވާވެސް ކޮށްފައިވެ އެވެ. އެގޮތުން އޭނާގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
ޝިމަންގެ އިތުރުން އެމްޑީޕީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތް ޒަހިއްޔާގެ ފޯނުވެސް ފުލުހުން ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ހިފަހައްޓާފަ އެވެ. އޭނާގެ ފޯނު ހިފަހައްޓައި ނެރުނު އަމުރުގައި ބުނެފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހު ފޭސްބުކްގައި ޒާޔާ ފާތިމަތްގެ ނަމުގައި ހިންގަމުންގެންދާ އެކައުންޓަކުން ފުލުހުންނަށް އިންޒާރުދީފައިވާ މައްސަލައާ ގުޅިގެން ހެކި ޤަރީނާ ހޯދުމަށެވެ.