ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި، ޤައުމުގެ އިޤްތިޞާދު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ ދަރަނިތައް ދައްކަމުންދާ ކަމަށާއި، އިއްޔެ ޗައިނާގެ ނެޝަނަލް ޑޭ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޗައިނާއިން ރާއްޖެއަށް ދައްކަންޖެހޭ ދަރަނި ދެއްކުން ފަސްކުރުމާއި ލުއި ދިނުމުގެ ކަންކަން ނިމުމަކަށް އައިސްފައިވާކަން އެ ޤައުުމުން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ އެގްރީމެންޓުތަކެއްގައި ސޮއިކޮށް ނިމިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
”އެއްވެސް އިރާދަކުރެއްވިއްޔާ، ކަންބޮޑުވުމެއް އަޅުގަނޑުމެންގެ ނެތި ކަންކަން ހަމަޖައްސާނަން. ރައްޔިތުންނަށް ބިކަ ހާލުގައި ޖައްސާކަށް ނެތިން. ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ފުއްދަމުން އަޅުގަނޑުމެން ދާނީ، ބޭރުގެ ދަރަނި ދައްކަމުން، ރައްޔިތުންގެ އެތެރޭގެ ދަރަނިތައްވެސް ދައްކަމުން، އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފެށި، ބާރު ސްޕީޑުގައި ކުރިއަށްދަމުންދެ އެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށާއި، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް އެއް ހަމައެއްގައި ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއްވެސް ކުރަމުންދަނީ ސަރުކާރާ ހަވާލުވިއިރު އިނދަޖެހި، ވަޅުޖެހިފައި އޮތް އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ