މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް މަސައްލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރުކުރީ:
- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27 އަހަރު)
- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22 އަހަރު)
- އއ. މާޅޮސް، ފިނިވާގޭ، އަހުމަދު ފާރިސް (27 އަހަރު)
މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ވިޝާމް އަދި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، އަހުމަދު އާޝިދުގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭގެފަހުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ތަހުގީގާ ގުޅޭ މައުލޫމާތެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައްސަލައިގެ ފަސްފަހަތް
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ މިދިޔަ މުހުގެ 13 ވަނަދުވަހުުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. މިހާތަނަށް ބެލިބެލުމުން އޭނާ މަރާލަފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބައިގައި ޖަހައި އެކިވަރުގެ ޒަހަމްތައްދީގެންނެވެ.
އަބްދުއްރަހުމާނަށް ދިން ހަމަލައިގެ މައުލޫމާތު ލިބުމާ އެކު، ފުލުހުންގެ ޓީމުތައްވަނީ އެރަށުގައި ހަރަކާތްތެރިވެފަ އެވެ.
އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާގެ ސިކުނޑީގެ ބައެއްވެސް ފެންނަންއޮތް ކަމަށާއި، ލޯ ކައިރިވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެ އެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އަބްދުއްރަހްމާންގެ ހަށިގަނޑު ރާއްޖޭއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ.