ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންދިން މައްސަލައިގައި އެކަން ކުރި މީހަކު ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާނު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި، ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ރަތްކުލައިގެ ސައިކަލެއްގެ މަޑިމަތީގައި އަތްއަޅާފައި ކުރިމަތީގައި އޮތް ޕިކަޕު ކައިރިއަށް ދިޔުމަށްފަހު، އެ ސައިކަލު އަރިއަޅާލުމުން ޖެހިގެން ހުރި އިތުރު ދެ ސައިކަލު ވެއްޓިގެން ގޮސްފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އާންމުންގެ އެހީތެރިކަން ހޯދުމަށް އެދިފަ އެވެ. އެގޮތުން، އެ ވީޑިއޯއިން ފެންނަ ރީނދޫ ކުލައިގެ ޓީޝާޓު ލައިގެން ހުރި ފިރިހެނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން، މާފަންނު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.