ކިހާދުއްފަރު ރިސޯޓް ސަރުކާރަށް ނެގުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެފި

Advertisement

އެންމެ ފަސް

Advertisement

ބ. ކިހާދުއްފަރުގައި ރިސޯޓް ސަރުކާރަށް ނެގުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނު މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދީފައިވަނީ 16 އޮކްޓޫބަރުގަ އެވެ.

ބ. ކިހާދުއްފަރު ރިސޯޓް އޮޕަރޭޓް ކުރަނީ އަތަމާ މެރިން އިންޓަނޭޝަނަލްއިން ސަބްލީސް ކޮށްގެންނެވެ. އެ ރިސޯޓް މިހާރު ސަަބްލީސް ކޮށްފައިވަނީ ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް އަށެވެ.

ނަމަވެސް މި މަހުގެ 9 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ، އެ ރިސޯޓް ހިންގަމުންދަނީ ޓޫރިޒަމާބެހޭ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ރިސޯޓު ސަރުކާރަށް ނެގުމަށް ނޯޓިސް ފޮނުވާފަ އެވެ. އަތަމާ މެރިން އިންޓަނޭޝަނަލްގެ ފަރާތުން ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައިވަނީ މިކަމާ ގުޅިގެންނެވެ.

އެގޮތުން އަތަމާ މެރިން އިންޓަނޭޝަނަލްއިން ވަގުތީ އަމުރަށް އެދި ބުނެފައިވަނީ، ސެޕްޓެމްބަރު 18 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިސްގެ ފަހުން، ރިސޯޓު މަރާމާތު ކުރުމާއި ކޮމްޕައެންސްގެ އެންމެހާ ކަމެއް ފުރިހަމަކުރުމަށްޓަކައި ރަށް ބަންދު ކުރުމުގެ ހުއްދައަށް އަތަމާގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އިންކާރުކޮށްފައިވާ ކަމަށާއި، އަދި ރަށް ބަންދުކޮށްގެން އެކަންކަން ކުރުމަށް ފުރުސަތު ފަހި ނުކުރުމަކީ ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ މަގްސަދު ގެއްލޭގޮތަށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ކަމެއް ކަމަށެވެ.

މީގެއިތުރުން އޮކްޓޫބަރު 9 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން އަތަމާއަށް ނޯޓިސް ފޮނުވިކަން ފާހަގަކޮށް އެ ކުންފުނިން ވަގުތީ އަމުރަށް އެދި ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރަށް ބަންދުކުރުމަށް އެދިފައިވަނިކޮށް އެއްބަސްވުން ބާތިލުކުރުމަކީ މުޅި އެއްބަސްވުމުގެ މަގުސަދާ ހިލާފު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ ޓޫރިޒަމް މިނިސްޓްރީން އޮކްޓޫބަރު 9 ވަނަ ދުވަހު އަތަމާ މެރިން އިންޓަނޭޝަނަލްއަށް ފޮނުވާފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކޮށް، އެ ނޯޓިސް ތަންދީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި، ބ. ކިހާދުއްފަރާއި ގުޅިގެން ތިން ވަނަ ފަރާތެއްގެ މަސްލަހަތު އުފަންވާނެ އެއްވެސް ކަމެއް ނުކުރުމަށް ޓޫރިޒަމް މިިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ. މި އަމުރު ނެރެފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ނޮވެމްބަރު 2 ވަނަ ދުވަހުގެ ކުރިން މި މައްސަލައިގެ ދައުވާ ހުށަހެޅުމަށް އަމަތާއަށް އަންގާފައިވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ