އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލެވެ.
މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ، އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، މިރޭ އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިރޭ ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ ލޯނު އެހީގެ ދަށުން ތަރައްގީކޮށްފައިވާ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫޢު:
- މަޝްރޫޢުގެ އަގަކީ 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ)
- މަޝްރޫޢު ހިންގަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން.
- 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް މި މަޝްރޫޢުގައި ހިމެނެ.
- އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ.
- ޓާމިނަލް ތަރައްޤީކުރަނީ އޭރޯ ބްރިޖަކާ އެކުގައި.
- މި އެއާޕޯޓް ބޭނުންކުރެވޭނީ A320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް.
ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މިރޭގެ ރަސްމިއްޔާތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖައްސާނެ އެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. އޭ-320 ޖައްސަން ފަށަނީ، ރަންވޭ ބޮޑުކޮށް ގެނެސްފަވާ ބަދަލުތަކާއެކުއެވެ.
ރައީސް އާއި މިރޭގެ ރަސްމިއްޔާތުގެ މެހުމާނުންނަށް މަރުޚާބާ ކިޔުމަށް ސަޤާފީ ހުށައެޅުމެއްވެސް ކުރިއަށްދާނެ އެވެ. އަދި ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ރަސްމިއްޔާތު އޮންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރާއްޖެ - އިންޑިއާ އެމްއޭސީއެލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
