ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ދެމެދު ހިންގި ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ފަށައިފައިވާ ކަމަށާއި، އޭސީސީއަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ކަންކަން އަވަސް ކުރުމަށް އަންގަވާފައިވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް މިއަދު ފެނިގެން ހިނގައްޖެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ހުރި ފެނަކަ އޮފީހަށް ހަދާލައިފައި އޮތް ގޮތް އޮޑިޓް ރިޕޯޓުން. އޮޑިޓް އޮފީހަކީ ވެސް މިނިވަން ތަނެއް، ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ އެތާކަށް. އެ ރިޕޯޓްގައި އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކޮށްފައި އޮތް ކަމަށް“ ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި، މިކަމުގައި އެއްވެސް މީހަކަށް ނުބަލާނެ ކަމަށެވެ. އަދި މި މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.
އޮޑިޓް އޮފީހުން ނެރުނު ފެނަކައާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ފެނަކަ ކޯޕަޜޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ އާއިލީ ގުޅުން އޮންނަ ބައެއްގެ ކުންފުނިތަކަކަށް އެ ވެރިކަމުގައި ފެނަކައިން 31 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބުނެފައިވެ އެވެ. މި ރިޕޯޓުގައި ބުނެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ކުރީގެ އެމްޑީ ސައީދާ ގުޅުން ހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 92 އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. މި އެއްބަސްވުންތަކުގެ ދަށުން ޖުމުލަ 49.7 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެ ކުންފުނިތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ތިންވަނަ ފަރާތެއް މެދުވެރިކޮށް ގަތުމުގެ ސަބަބުން ފެނަކައިން 287 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހުނުކަމަށްވެސް ބުނެފައިވެ އެވެ. އަދި ފެނަކައިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތްތައް އާންމުކޮށް އިޢުލާން ނުކޮށް ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަންވެސް ހާމަވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު ތ. ތިމަރަފުށި