ސްޕެނިޝް ލީގުގައި ރޭ ފެރަން ޓޮރޭސްގެ ދެ ލަނޑާއެކު ބާސެލޯނާއިން 3-0 ގެ ނަތީޖާއަކުން ގެޓާފޭ ބަލިކޮށްފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 15 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ދިން ބެކްހީލް ޕާހަކުން ޓޮރޭސް ވަނީ ލަނޑެއް ޖަހައި ބާސެލޯނާ އަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޓޮރޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރޭސް އަށް ވަނީ ހެޓްރިކް ފުރިހަމަ ކުރުމަށް ފުރުސަތު ލިބިފަ އެވެ. ނަމަވެސް، ވޮލީ އަކުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.
ބާސެލޯނާ އިން ވަނީ ދެވަނަ ހާފު ފެށިއިރު، ރަފީނިއާގެ ބަދަލު މާކަސް ރަޝްފޯޑް ކުޅެން ނެރެފަ އެވެ. ރަޝްފޯޑް ވަނީ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް އާ ދެކޮޅަށް ދެ ލަނޑު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ނަމަވެސް، ރޭގެ މެޗު އޭނާ ފެށީ ބެންޗުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، އޭނާ ފުރަތަމަ 11 ގައި ނުހިމެނީ ހެނދުނު އޮތް މީޓިން އަށް ގަޑި ޖެހިގެން ދިއުމުންނެވެ. މެންޗެސްޓާ ޔުނައިޓެޑުގައި ހުރި އިރުވެސް ރަޝްފޯޑަށް ވަނީ މިފަދަ މައްސަލަތަކާ ހުރެ ފިޔަވަޅު އަޅާފަ އެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އޮލްމޯ އެވެ. އޭގެފަހުން، މެޗުގެ އިތުރު ވަގުތުގައި ރަޝްފޯޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ، ގެޓާފޭގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ލީގުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ބާސެލޯނާ ވަނީ އެއް މެޗު ފިޔަވައި ހުރިހައި މެޗަކުން މޮޅުވެފަ އެވެ. ކުޅުނު ހުރިހައި މެޗަކުން މޮޅުވެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 15 ޕޮއިންޓު ލިބިފައިވާއިރު ބާސެލޯނާ އަށް ލިބުނީ 13 ޕޮއިންޓެވެ.