ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އިން 1-1 ގެ ނަތީޖާއަކުން ބާސެލޯނާއާ އެއްވަރުކޮށް، ބާސެލޯނާ އެއްވަނައަށް އެރިޔަނުދީ ހުއްޓުވައިފިއެވެ.
ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 40 ވަނަ މިނެޓުގައި ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ވަޔެކާނޯގެ އޭރިއާ ތެރެއިން ލަމީން ޔަމާލް އަށް ޕެޕް ޗަވަރިއާ ކުރި ފައުކަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެއީ ޕެނަލްޓީއެއް ނޫން ކަމަށް ވަޔެކާނޯ ކުޅުންތެރިންނާއި އޮފިޝަލުން އެޕީލް ކުރި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އަށް މައްސަލައެއް ދިމާވެފައިވުމުން އިތުރަށް އެ މައްސަލަ ބެލިފައެއް ނުވެއެވެ. ޔަމާލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ބާސެލޯނާއަށް ކުރިހޯދަދީފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 62 ވަނަ މިނެޓުގައި ރަފީނިއާގެ ބަދަލު މާކަސް ރަޝްފޯޑް ވަނީ ކުޅެން ނިކުމެފައެވެ. ރޭގެ މެޗަކީ މެންޗެސްޓާ ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ބަދަލުވުމަށްފަހު އޭނާ ކުޅުނު ތިންވަނަ މެޗެވެ. މި މެޗުގައިވެސް ކުޅެން އަރައި އޭނާއަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ވަޔެކާނޯ އަށް ލިބުނު ކޯނަރަކުން ފްރޭން ޕެރޭޒް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެފަހުންވެސް ވަޔެކާނޯ އަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.