ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން ލަދުވެތިގޮތަކަށް 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.
މިއީ 1951 ވަނަ އަހަރު 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވިފަހުން، ސެވިއްޔާ އަތުން އެންމެ ބޮޑު ފަރަގަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ބައްޔާއެކު ބާސެލޯނާއިން ވަނީ އެއްވަނައަށް އެރުމުގެ ފުރުސަތު ނަގާލާފަ އެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ މިނެޓުގައި ބާސެލޯނާގެ އޭރިއާ ތެރެއިން އިސާކް ރޮމޭރޯ އަށް ރޮނާލްޑް އަރައުހޯ ކުރި ފައުލަކާ ގުޅިގެން ސެވިއްޔާ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ބާސެލޯނާގެ ކުރީގެ ފޯވާޑް، އެލަކްސިސް ސަންޗޭޒް ވަނީ ސެނިއްޔާ އަށް ކުރިހޯދަދީފަ އެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ސެވިއްޔާ އިން ކުރި ކައުންޓަ އެޓޭކެއްގައި އިސާކް ރޮމޭރޯ ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ޕެޑްރީ ނަގައިދިން ހުރަހަކުން ބާސެލޯނާއަށް ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. އެއީ ސްޕެނިޝް ލީގުގައި ރަޝްފޯޑް ޖެހި ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން ސެވިއްޔާއިން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދިނުމަށް މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ. ނަމަވެސް، މެޗުގެ 76 ވަނަ މިނެޓުގައި ސެވިއްޔާގެ އޭރިއާ ތެރެއިން އަލެހަންދުރޯ ބާލްޑޭ އަށް ސެވިއްޔާ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް، ރޮބަޓް ލެވަންޑޯސްކީ ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުސަތު ނަގާލާފަ އެވެ.
ބާސެލޯނާއިން ފަހުވަގުތާ ހަމަޔަށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއިރު، މެޗުގެ 90 ވަނަ މިނެޓުގައި ހޯސޭ އެންހެލް ކާމޯނާ ވަނީ ސެވިއްޔާއަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އަކޯރް އެޑަމްސް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ރެއާލް މެޑްރިޑަށް 21 ޕޮއިންޓު ލިބިފައިވާއިރު ބާސެލޯނާއަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.