ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ ގެ ނަމުގައި ދައުލަތުގެ އާ އޮފީހެއް އުފައްދަވައިފި އެވެ.
މި ކޮމިޝަން އުފެއްދެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެންނެވެ.
މި ބިލަކީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ. އެންމެ މެންބަރަކު ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ބިލު ހުށަހެޅުނު އިރު އޭގައި ހުރި ގިނަ ކަންތައްތަކަކާ މެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ކޮމިޓީ މަރުހަލާގައި އެ ފަރާތްތަކާ މަޝްވަރާކޮށް ބިލަށް ވަނީ ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. މި ގޮތުން ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރު އުނިކުރުން ހިމެނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރީގެ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު އުވި، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން ވަނީ އުވާލެވިފައެވެ. އަދި އެ ދެ މުއައްސަސާގެ ބަދަލުގައި އާ ކޮމިޝަނެއް ވަނީ އުފެދިފައެވެ.
އާ ކޮމިޝަނުގެ ދާއިމީ މެންބަރުން އައްޔަންކުރެވެންދެން، ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
