އަންހެނުންގެ ކޮމެޓީގެ ރައީސްއަކީ ރައްޔިތުން އިންތިހާބުކުރާ މަޤާމަކަށްހަދާ، ބަޖެޓް ދެގުނަ ކުރާނަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ރައީސްގެ މަޤާމަކީ ރައްޔިތުން އިންތިޚާބުކުރާ މަޤާމަކަށް ހެދުމަށާއި، އެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ރައްޔިތުންނާއި އެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މިހާރު ޑަބްލިއުޑީސީގެ ރައީސް އިންތިޚާބުކުރަނީ ކޮމެޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި އުސޫލު ބަދަލުކޮށް، ކައުންސިލްގެ ރައީސް އިންތިޚާބުކުރާ އުސޫލުން، ރައްޔިތުންގެ ސީދާ ވޯޓަކުން ޑަބްލިއުޑީސީގެ ރައީސް އިންތިޚާބުކުރާ ގޮތަށް ހަމަޖެއްސޭނެއެވެ.

”މިހާރު ޑަބްލިއުޑީސީތަކަކީ އެލަވަންސްއެއް ލިބޭ ޕާޓްޓައިމް މަޤާމުތަކެއް. އެހެންނަމަވެސް ރައީސްގެ މަޤާމު ވެގެންދާނީ ފުލްޓައިމް، މުސާރަ ލިބޭ މަޤާމަކަށް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، ޑަބްލިއުޑީސީތަކަށް މިހާރު ކަނޑައެޅިފައިވާ ބަޖެޓު ދެގުނައަށް އިތުރުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މިގޮތުން ކައުންސިލްތަކުގެ ބަޖެޓުން ޑަބްލިއުޑީސީތަކަށް ކަނޑައަޅާ މިންވަރު 5 ޕަސެންޓުން 10 ޕަސެންޓަށް އިތުރުކުރެވޭނެއެވެ. މި ބަދަލު ގެނައުމުގެ މަޤްސަދަކީ އަންހެނުންގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް އިތުރުކޮށް، އެކިއެކި ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމެވެ.

އޭގެއިތުރުން ރޯދަމަހުގެ އިނާޔަތްވެސް މީގެ ފަހުން ދެވޭނީ މުޅި ކައުންސިލްގެ ބަޖެޓުން ކަމަށާއި، އެކަމަށް ޑަބްލިއުޑީސީގެ ބަޖެޓުން އެއްވެސް އަދަދެއް ނުކެނޑޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މި ބަދަލުތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޑަބްލިއުޑީސީތަކަށް ކުރިމަތިލާން ވިސްނާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓާއެކު މި ބަދަލުތައް ގެނައުމަށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ