ގަތަރުގެ ރައްޔިތުންނާއެކު ރާއްޖެއިން އެއްބައިވަންތަކަމާއެކު ދެމިހުންނާނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ދާދި ފަހުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން ގަތަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ދޯހާގެ ޝެރެޓަން ހޮޓެލްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު، އިޒްރޭލުން ޤަޠަރަށް ދާދިފަހުން ދިން ހަމަލާގައި މަރުވި ފަރާތްތަކާ ގުޅިގެން އަމީރަށް ތަޢުޒިޔާ ދަންނަވައި، ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ ދެމިހުންނާނެކަން ހާމަ ކުރެއްވި އެވެ. އަދި ޤަޠަރުގެ މިނިވަންކަމަށް އަރައިގަތުން ކުށްވެރިކުރައްވައި، ސަރަޙައްދީ ސުލްޙަ އަމަންކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް މުޢިއްޒު ވަނީ ކުއްލި އަރަބި-އިސްލާމިކް ސަމިޓް ބޭއްވުމުގައި ޤަޠަރުން ދައްކާފައިވާ ލީޑަރޝިޕް ފާހަގަކުރައްވައި، ފަލަސްޠީނުގެ މައްސަލައިގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ދިވެހިރާއްޖެއަށް ޤަޠަރުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި ރައީސް މުޢިއްޒު އަމީރަށް ޝުކުރު ދެންނެވި އެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން، ދިވެހިރާއްޖެއާއި ޤަޠަރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަތެވެ. އަދި މުސްލިމް އުއްމަތުގެ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ވެރިކަމަށް ބާރުއަޅާ ދެ ދައުލަތުގެ ޙައްލަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން ރާއްޖެ - ގަތަރް ގަތަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ