ނޭޕާލްގެ އާ ބޮޑުވަޒީރުގެ ލީޑަޝިޕާއެކު ދެގައުމުގެ ގުޅުން ވަރުގަދަ ވާނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ނޭޕާލްގެ އާ ބޮޑުވަޒީރު ސުޝީލާ ކަރުކީގެ ލީޑަޝިޕާއެކު ރާއްޖެއާއި ނޭޕާލްގެ ގުޅުން ވަރުގަދަވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ނޭޕާލްގެ އާ ބޮޑުވަޒީރުގެ މަގާމަށް ސުޝީލާ ކަރުކީ އިސްކުރެއްވުމާ ގުޅިގެން ސުޝީލާ ކަރުކީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސުޝީލާ ކަރުކީ އިސްކުރެވުމަކީ އެ ޤައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަޚުރުވެރި ވަގުތެއްކަމަށް ވިދާޅުވެފައިވެ އެވެ. އަދި އޭނާގެ އައު މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކާމިޔާބު ލިބިވަޑައިގަތުމަށް އެދިވަޑައިގެންފައިވެ އެވެ.

މީގެއިތުރުން، ނޭޕާލަކީ ދިވެހިރާއްޖެއިން އަގުހުރި ބައިލެޓަރަލް ޕާޓްނަރެއްގެ ގޮތުގައި ދެކޭކަމަށާއި، އޭނާގެ ލީޑަރޝިޕްގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ފާޅުކުރައްވާފައިވެ އެވެ.

ރައީސް މުޢިއްޒު މެސެޖު ނިންމަވާލައްވާފައިވަނީ، ބޮޑުވަޒީރު ކަރުކީގެ ދުޅަހެޔޮ ސިއްހަތަށާއި، ނޭޕާލްގެ ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވުންނެވެ.

ނޭޕާލްގެ އާ ބޮޑުވަޒީރުކަމަށް ސުޝީލާ ކަރުކީ އައްޔަންކުރެވުނީ އެ ޤައުމުގެ ޒުވާނުން މަގުތަކުގައި ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކާއެކު ސަރުކާރު ވެއްޓުމާއި ގުޅިގެންނެެވެ. ނޭޕާލްގެ ޒުވާނުން މަގުތަކަށް ނިކުތީ ކޮރަޕްޝަނާއި ސޯޝަލް މީޑިއާ މަނާކުރުމާއި ދެކޮޅަށެވެ. މުޒާހަރާތައް ހޫނުވެ، ޤާނޫނު ހަދާ މަޖިލީހުގެ އިތުރުން ސަރުކާރުގެ ގިނަ އިމާރަތްތަކެއްގަަ ރޯކޮށްލާ، އޭރުގެ ސަރުކާރުގެ ވެރިންގެ ގައިގަ ތަޅާ އަނިޔާވެސްކޮށްފަވެ އެވެ. އޭގެއިތުރުން ކުރީގެ ބޮޑުވަޒީރު އަނބިކަނބަލުން ގޭގަ ހުންނަވަނިކޮށް އެކަމަނާއާއެކު ގެކޮޅުގައި ރޯކޮށް މަރާވެސްލާފައިވެ އެވެ.

ސުޝީލާ ކަރުކީއަކީ ނޭޕާލްގެ ފުރަތަމަ އަންހެން އިއްތަމަފަނޑިޔާރު އެވެ. ކޮރަޕްޝަނާއި އަބަދުވެސް ދެކޮޅަށް ވަކާލާތުކުރެއްވި ކުރެއްވި ބޭކަނބަލެކެވެ. ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވުމާއެކު ސުޝީލާ ކަރުކީ ވެގެންގޮސްފައި ނޭޕާލްގެ ވެރިކަންކުރައްވާނެ ފުރަތަމަ އަންހެން ބޭކަނބަލަށެވެ.

ނޭޕާލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ