އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް އިއްޔެ ހަމަލާދިނުމާ ގުޅިގެން އަރަބި ޤައުމު ވެރިން ޤަތަރަށް ޒިޔާރާތް ކުރައްވަން ފައްޓަވައިފި އެވެ.
ކުރިން ޝެޑިއުލް ކުރެވިފައިނުވާ މި ދަތުރުތައް އަރަބި ޤައުމުތަކުގެ ވެރިން ޤަތަރަށް ކުރައްވަން ފައްޓަވައިފައިވަނީ ސަރަހައްދުގެ ޤައުމުތަކުގެ ބަދަހިކަން ދެއްކުމުގެ ގޮތުން ކަމަށް ބޭރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެގޮތުން ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒަޔަދް އަލް ނަހްޔާން މިއަދު ވަނީ ޤަތަރަށް ވަޑައިގެންފަ އެވެ. ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އުރުދުންގެ ވަލީއަޙްދު ހުސައިންވެސް މިއަދު ޤަތަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސައުދީއަރަބިއްޔާގެ ވަލީއަޙްދު މުހައްމަދު ބިލް ސަލްމާން މާދަމާ ޤަތަރަށް ވަޑައިގަންނަވާނެ އެވެ.
އިޒްރޭލުން އިއްޔެ ޤަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފައިވަނީ ހަމާސްގެ ވެރިންތަކަކަށް އަމާޒުކޮށެވެ. މި ހަމަލާގައި ހަމާސްގެ ވެރިން ސަލާމަތްވި ނަމަވެސް 5 މީހަކު މަރުވެފައިވެ އެވެ. އޭގެތެރޭގައި ޤަތަރުގެ ސަލަމާތީ ހިދުމަތްތަކުގެ މީހަކުވެސް ހިމެނެ އެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ޤަތަރަށް ހަމަލާދީފައިވަނީ، ޣައްޒާގެ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހަމާސްގެ ވެރިން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަމުންދަނިކޮށް އެތަނަށެވެ.
ޤަތަރުގެ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ވިދާޅުވީ އެ ޤައުމަށް އިޒްރޭލުން ދިން ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި ހަމަލާ ކުށްވެރިކޮށްފައިވެ އެވެ. މި ހަމަލާގެ މައުލުމާތު ކުރީބައިގައި އެމެރިކާއިން ޤަތަރަށް ދިން ކަމަށްބުނެ ފެތުރެމުންދާ ވާހަކަތައް ޤަތަރުގެ ޕްރައިމް މިނިސްޓަރު ދޮގުކުރެއްވި އެވެ. އަދި ވިދާޅުވެފައިވަނީ ހަމަލާގެ މައުލޫމާތު އެމެރިކާއިން ދީފައިވަނީ އިޒްރޭލުން ހަމަލާދިންތާ 10 މިނެޓް ފަހުން ކަމަށެވެ.
ހަމާސް އިޒްރޭލް އުރުދުން އެކުވެރި އަރަބި އިމާރާތް ގަތަރު ސައުދީ އަރަބިއްޔާ