މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށް، ނޫސްވެރިން ގަދަކަމުން ނެރެފި

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް ސިއްރުކޮށް ނޫސްވެރިން ގަދަކަމުން ކޮމިޓީ ރޫމުން ނެރެފި އެވެ.

މީޑިއާ ބިލް ދިރާސާ ކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުންވެސް ވަނީ ސިއްރު ކޮށްފަ އެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރީ އާންމުންގެ ފަރާތުން ބިލަށް ހުށަހަޅާފައިވާ ކޮމެންޓްތައް ދިރާސާ ކުރާއިރު ޒާތީ މައުލޫމާތު ހިމެނޭތީ، އެ މައުލުމާތުތައް ހާމަވެވެދާނެ ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި ކޮމިޓީވެސް ސިއްރުކޮށްފައިވާއިރު، މިއަދުގެ ކޮމިޓީގައި ވަނީ ބަންޑާރަނައިބުގެ އޮފީސް އަދި އެހެން އިދާރާތަކުން ބިލަށް ހުށަހަޅާފައިވާ ކޮމެންޓްތައް ދިރާސާކުރުން ކުރިއަށް ގެންގޮސްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރިއިރު ކޮމިޓީ ރޫމުގައި ނޫސްވެރިން ތިއްބެވެ. އަދި ކޮމިޓީ ސިއްރު ކުރުމަށްފަހު މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ވަނީ ގަދަކަމުން ނޫސްވެރިން ކޮމިޓީ ރޫމުން ނެރެފަ އެވެ. އެއާއެކު ނޫސްވެރިން އަންނަނީ މަޖިލިސް ހިމެނޭ ސަރަހައްދުގައި އަދި ރައީސް އޮފީސް ކައިރީގައި އަޑުއުފުލަމުންނެވެ.

މީގެކުރިން ކޮމިޓީން ނިންމާފައިވަނީ މި ބިލްގެ މަސައްކަތް ސެޕްޓެމްބަރު 15 ގެ ކުރިން ނިންމާށެވެ.

މި ބިލަށް ޚިޔާލު ހޯދުމަށް މީޑިއާތަކާއި ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާވެސް ބައްދަލުކޮށްފައިވެ އެވެ. މީޑިއާތަކުން އަދި މީޑިއާ ކައުންސިލުންވަނީ މި ބިލް ބޭރުކޮށްލުމަށް ގޮވާލާފަ އެވެ.

މީގެއިތުރުން މި ބިލް ބޭރުކޮށްލުމަށް ގޮވާލާ 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕެޓިޝަނެސްވެސް ހުށަހަޅާފަ އެވެ.

މީޑިއާ ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ. މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި ބިލުގެ 60 ވަނަ މާއްދާގައި ބުނަނީ ބިލުގައި ނޫހާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް (ސޯޝަލްމީޑިއާގައި އުޅޭ މީހުންނަށް) އެ މީހުންނާގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ