އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ބޮމުގެ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުން ވަނީ ޤަތަރަށް ހަމަލާދީފައިވާކަމަށް އެއްބަސްވެފަ އެވެ. އަދި ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ ޤަތަރުގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ޤަތަރަށް ހަމަލާދީފައިވަނީ، ޣައްޒާގެ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހަމާސްގެ ވެރިން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަމުންދަނިކޮށް އެތަނަށެވެ.
އިސްރާއީލުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ އިސްރާއީލުގެ ޖެޓްތަކުން ދޯހާއަށް ހަމަލާދިނީ އެމެރިކާއާ ކުރިން މަޝްވަރާ ކުރުމަށްފަހު އަދި އެމެރިކާގެ އިންޓެލިޖެންސްގެ އެހީތެރިކަމާ އެކު ކަމަށެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުގެ ހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި ހަމަލާ ދީފައިވަނީ ހަމާސްގެ ސިޔާސީ ބިއުރޯގެ ބަޔަކު އުލެމުންދިޔަ ތަނަކަށްކަން ކަށަވަރުކޮށްދީފައިވެ އެވެ. ޤަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އަދި ޤަތަރުގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭގޮތަށް ޤަތަރުގެ ސަލާމަތަށް ނުރައްކާވާގޮތަށް ދިން ހަމަލާއެއް ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާއަށް ހަރުކަށި ޔަހޫދީ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލާ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރައްޔިތުން ދޫކުރުމަށް ޑީލްއެއް ހުށަހެޅީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. މިއަދު އިޒްރޭލުން މި ޑީލަށް އެއްބަސްވެފައިވާ ކަމަށް އަޑުފެތުރުނެވެ. އަދި މި ޑީލްއަށް ހަމާސްގެ ވެރިން ޤަތަރުގައި މަޝްވަރާ ކުރަނިކޮށް އެތަނަށް އިޒްރޭލުން ހަމަލާދިނުމުން، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަވާކަމަށް މެދުއިރުމަތީގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.