ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓް ބަންދު ކުރުމުން އެ އެއާޕޯޓުގައި 2 ދިވެއްސަކު ތާށިވިކަމަށާއި ނަމަވެސް މިހާރު އެ ދެ ދިވެހިންވެސް ފްލައިޓަށް އަރާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ޖަވިޔަނި ނޫހަށް މައުލޫމާތު ދެމުން ބުނީ މިނިސްޓްރީން އެ ދެ ދިވެހިންނާވެސް މުއާމަލާތު ކުރަމުން ދިޔަ ކަމަށާއި މިހާރު އެއާޕޯޓުގެ ހާލަތު ހަމައަކަށް އެޅި އެ ދެ މީހުންވެސް ފްލައިޓަށް އަރާފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ނޭޕާލުގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ބުނެފަ އެވެ. އަދި ނޭޕާލްގެ އެތެރޭގެ ހާލަތުވެސް މިނިސްޓްރީން އަންނަނީ މޮނީޓާ ކުރަމުންނެވެ.
ނޭޕާލްގެ ހާލަތު ގޯސްވެފައިވަނީ އެ ގައުމުގައި މިހާރު ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެންނެވެ. ނޭޕާލުގައި ހުއްޓުމެއްނެތި މުޒާހަރާތައް ކުރަމުންދަނީ އެ ގައުމުގެ ސަރުކާރުން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރުމާ ގުޅިގެންނެވެ. މި މުޒާހަރާތަކުގެ ތެރެއިން އަންނަނީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަމާ ދެކޮޅަށްވެސް އަޑުއުފުލަމުންނެވެ.
ނޭޕާލްގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވުމުން، ސަރުކާރުން ވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޮލްކް ކުރަން ނިންމި ނިންމުން އުވާލާފަ އެވެ.
މީގެއިތުރުން މި މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރުވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ބޮޑުވަޒީރުގެ މަގާމާ އޮލީ ހަވާލުވީ 15 ޖުލައި 2024 ގަ އެވެ. ނޭޕާލްގެ ރައީސްއަށް ބޮޑުވަޒީރު އޮލީ ފޮނުވި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ އޭނާ މަގާމަށް ދުރަށްޖެހުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ. ބޮޑު ވަޒިރުގެ އިތުރުން ނޭޕާލްގެ ސަރުކާރުގެ ހޯމް މިނިސްޓަރު، އެގްރިކަލްޗަރ މިނިސްޓަރު އަދި ވޯޓަރ ސަޕްލައި މިނިސްޓަރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.