ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ދޭންޖެހޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމަށް ޤަބޫލުކުރައްވާ ކަމަށް، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އިއްޔެ އިއްވި ހުކުމުގައ،ި ކްރިމިނަލް ކޯޓުގެ އިސްގާޟީ އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކޮށް އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކުރަނީސް، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައި ސައީދުގެ މައްޗަށް އިއްޔެ ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މި މައްސަލައިގައި ހުކުމަށް ވާސިލުވަމުން، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޟީ އާދަމް މުހައްމަދު ވިދާޅުވެފައިވަނީ، މި މައްސަލާގައި ޕްރޮސިކިއުޝަންގެ ފަރާތުނެ އަދަބު މަތިކުރާނެ ހާލަތެއް އެފަރާތަށް ފާހަގަ ނުވާކަމަށް ބުނިނަމަވެސް، އަދަބު މަތިވާ ގިނަ ހާލަތުތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން މި މައްސަލާގައި ދައްކަނީ، އެއްބަސްވުންތަކެއް ހަދައިގެން މަސައްކަތް ނުކުރާ ބަޔަކަށް ގިނަ އަދަދެއްގެ ފައިސާ ތަކެއް ފެނަކައިގެ އިސްވެރިން ދީފައިވާ ވާހަކަކަން ފާހަގަކޮށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި އިސް ގާޟީ ވިދާޅުވެފައިވަނީ މި އަމަލުގެ ސަބަބުން ދިވެހި ދައުލަތުން 805،600 ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ މިފަދަ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކުން ހިންގާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އެ ކުންފުނި ތެރޭގައިވެސް ކޮރަޕްޝަންއަށް ދޮރު ހުޅުވި، ފަސާދަ ފުޅާވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަަކޮށްފައިވެ އެވެ.
އިސް ގާޟީ ވިދާޅުވީ، އާޚިރުގައި މިފަދަ ކަންކަމުގެ ތަކުލީފު އުފުލަންޖެހެނީ އާންމު ރައްޔިތު މީހާއަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ދޭންޖެހޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމަށް ވިދާޅުވި އެވެ.
”އެހެންކަމުން، މިފަދަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ މީހުންގެ މައްޗަށް، އެ ކުށާއި ގުޅިގެން ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް ޤަބޫޅުކުރެވެ އެވެ.“ ހުކުމުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި އިސް ގާޟީ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން އާންމުވެފައިވާއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫޅުން ހިނގާކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމުވެފައިވާ ކަމަށެވެ.
މިފަދަ އަމަލު ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން ކަމަށް ހުކުމުގައި ބުނެފައިެވ އެވެ. އަދި އަދަބު ލިބޭނަމަ ލިބޭ އަދަބަކީ ނިސްބަތުން ކުޑަ އަދަބެއްކަމަށްވާތީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަންވާކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މި މައްސަލައިގައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ކަމަށްވާ 4 އަހަރަށް ޖަލަށް ލުމުގެ އަދަބު ސައީދުގެ މައްޗަށް ކަނޑައަޅަން ފެނަންކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ކޮރަޕްޝަން ކްރިމިނަލް ކޯޓު ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު