އދ.ގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ރަސްމީކޮށް އެދިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝިދު އެމެރިކާގެ ނިއު ޔޯރކްގައި މިހާރު ހުންނެވިއިރު، އދ. ގެ މައި މަރުކަޒަށް ވެދެވަޑައިގަތުމަށް ބޭނުންފުޅުވާ ފާހާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރާންޖެހޭ މަސައްކަތްތައް ކުރުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުހައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް ވެސް ގެންދަނީ އަރުވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ފޮރިން މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ހަމަޖައްސާފައިވާނެކަން ފާހަގަކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކުރިއަށް އޮތްތާނުގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.