މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނު (މާނު) 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި މައުމޫން ހުރި ދުވަސްވަރު ބޭރުގެ ކުންފުންޏަކުން ކައްކާ ގޭސް ހޯދުމުގެ މުއާމަލާތުގެ ތެރޭގައި، 3.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެއް ކޮށްފަ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ 7 ދައުވާގެ ތެރެއިން 2 ދައުވާއަށް ހުކުމް ކުރުމެވެ.

އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މައުމޫންގެ މައްޗަށް އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި ކޯޓުން ވަނީ އޭނާގެ މައްޗަށް 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މިގޮތަށް ހުކުމްކުރީ މައުމޫނަށް، އަދަބުގެ ދަރަޖަ މަތިކޮށް ބޮޑު އަދަބެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން އެދުމުންނެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަބްދުﷲ މައުމޫނު (މާނު) އާ ގުޅޭ މައްސަލަތަކެއް ބަލަމުންދަނިކޮށް ރާއްޖެއިން ބޭރަށް ދިއުމަށްފަހު އޭނާ އެނބުރި ރާއްޖެއަށް އަައިސްފައިވަނީ މިދިޔަ އަހަރު އެވެ. އެއާއެކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައިވެ އެވެ.

މައުމޫންގެ މައްޗަށް އުފުލި ދައުވާތަކުގެ ތަފުސީލު:

  1. ރިޝްވަތު ހިފުމުގެ ދައުވާ 1 ކުރި ސަބަބު: 07 އޭޕްރީލް 2016 ދުވަހު މައުމޫންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 29،941.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
  2. ރިޝްވަތު ހިފުމުގެ ދައުވާ 2 ކުރި ސަބަބު: 14 ޖޫން 2016 ދުވަހު އަބްދުﷲ މައުމޫންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،921.50 އެމެރިކާ ޑޮލަރު އާއި 26 ޖޫން 2016 ދުވަހު މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 12،201.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ
  3. ރިޝްވަތު ހިފުމުގެ ދައުވާ 3 ކުރި ސަބަބު: 4 އޮގަސްޓު 2016 ދުވަހު އަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
  4. ރިޝްވަތު ހިފުމުގެ ދައުވާ 4 ކުރި ސަބަބު: 09 އޭޕްރީލް 2017 ދުވަހު އަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 24،930 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
  5. ރިޝްވަތު ހިފުމުގެ ދައުވާ 5 ކުރި ސަބަބު: 31 މޭ 2017 ދުވަހު އަބްދުﷲ މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 46،555 އެމެރިކާ ޑޮލަރު ޖަމާކުރަން މަސައްކަތް ކޮށްފައިވާތީ އެވެ.
  6. ރިޝްވަތު ހިފުމުގެ ދައުވާ 6 ކުރި ސަބަބު: 23 އޮގަސްޓު 2017 ދުވަހު އަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،955 އެމެރިކާ ޑޮލަރު ޖަމާކުރަން މަސައްކަތް ކޮށްފައިވާތީ އެވެ.
  7. ރިޝްވަތު ހިފުމުގެ ދައުވާ 7 ކުރި ސަބަބު: 08 އޮކްޓޫބަރު 2017 ދުވަހު އަބްދުﷲ މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 34،950 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.

ކްރިމިނަލް ކޯޓު އަބްދުﷲ މައުމޫން މޯލްޑިވް ގޭސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ