ގަނޑުކޮށް ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެ ކުރުމަށް ހާއްސަ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި އުފައްދާފައިވާ މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ކުރުމެވެ. އަދި މި ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
މިއީ މި އަހަރުގެ ތެރޭގައި ރައީސް މުއިއްޒު އުފެއްދެވި 3 ވަނަ ކުންފުންޏެވެ. ރައީސް މުއިއްޒު މީގެ ކުރިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާ އެޅުމުގެ މަސައްކަތް ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަވާފަ އެވެ.
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ އާބާދީ ބޮޑު ސަރަޙައްދުތަކާއި މަދުން އާބާދުވެފައިވާ ސަރަޙައްދުތަކުގެ އުމްރާނީ ތަރައްޤީ އިތުރުކުރުމެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ ކުންފުނީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ގާ އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމަށްވެސް ރައީސް މުއިއްޒު ވަނީ ކުންފުންޏެއް އުފައްދަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
