’ގެދޮރުވެރިޔާ‘ ސްކީމުގެ ފްލެޓްތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުވާލައިފިއެވެ.
ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ’ގެދޮރުވެރިޔާ‘ ސްކީމުގެ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބައެއް ފަރާތްތަކަށް ފޮނުވި މެސެޖެއްގައި އެފްޑީސީން ވަނީ ޑައުންޕޭމަންޓް ދެއްކުމަށް ހުޅުވާލައިފައިވާކަން އަންގާފައެވެ. އެ މެސެޖުގައިވާގޮތުން ޑައުންޕޭމަންޓް ދައްކަންޖެހޭނީ ޕޯޓަލް މެދުވެރިކޮށެވެ.
އެފްޑީސީން ބުނި ގޮތުގައި މިހާތަނަށް 3,032 ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާއިރު، 968 ފްލެޓްގެ އެއްބަސްވުމުގައި އަދި ސޮއިނުކުރެވެއެވެ. އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ.
އެއްބަސްވުމުގައިވާ ގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25,000 ރުފިޔާ ދައްކަންޖެހޭއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާ ދައްކަންޖެހެއެވެ. ފްލެޓްގެ ތަޅުދަނޑި ހަވާލުކުރެވޭނީ މި ޑައުންޕޭމަންޓް ދެއްކުމުންނެވެ.
މި ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 7,000 ރުފިޔާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,000 ރުފިޔާ ދައްކަންޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް މަހު ކުލީގެ ގޮތުގައި 9,500 ރުފިޔާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,500 ރުފިޔާ ދައްކަންޖެހެއެވެ.
އެފްޑީސީގެ ސައިޓް އިންޖިނިއަރު އަލީ މުހައްމަދު ވިދާޅުވި ގޮތުގައި، 32 ޓަވަރުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެގޮތުން އެންބީސީސީގެ މަސައްކަތްތައް 90 ޕަސެންޓަށް ވުރެ މަތިން ނިމި، ކޭޕީއޭއެލްގެ މަސައްކަތްތައް 85 ޕަސެންޓަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ސަރވިސް ކަނެކްޝަންތަކުގެ މަސައްކަތްތަކެވެ.
އެފްޑީސީގެ ބިޒްނަސް ޑެވެލޮޕްމަންޓްގެ ސީނިއަރ އޮފިސަރު ފިޒްރާ ވިދާޅުވި ގޮތުގައި، ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާއިރު، ޑޭކެއަރ، ތަޢުލީމީ މަރުކަޒުތައް އަދި ގްރޯސަރީ ފަދަ ޒަރޫރީ ޚިދުމަތްތައް ޓަވަރު ތެރެއިން ނުވަތަ ކައިރިން ލިބޭނެ ގޮތަށް ކޮމާޝަލް ޔުނިޓްތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.