ކައުންސިލްތަކަށް ދެމުންދާ ބްލޮކް ގްރާންޓް ހިސާބުކުރާ ފޯމިއުލާ އަށް ބަދަލުގެނެސް، އާބާދީ ކުޑަ ނަމަވެސް ބިން ބޮޑު ރަށްތަކަށް ލިބޭ ގްރާންޓްގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިހާރު ބްލޮކް ގްރާންޓް ދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭ މިންވަރު މަދުކަމަށެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތްތައް މަދެއް ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ގެ ފޯމިއުލާ މުރާޖަޢާކޮށް، ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރެވޭ ގޮތަށް ބަދަލުކުރުމަށްފަހު، 2026 ވަނަ އަހަރުގެ ބަޖެޓުގައި މި ބަދަލާއެކު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓް ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ހިމަނަން ޖެހެއެވެ. މިގޮތުން ކައުންސިލްތަކަށް ހިލޭ އެހީ ދޭ އަދަދު ކަނޑައަޅަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ. އަދި ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ އެންމެ ބޮޑު އަދަދެއް ދެމުން އަންނަނީ ސިޓީ ކައުންސިލްތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހާމަކުރެއްވި ގޮތުގައި، ”މިދިޔަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޫކުރެވުނު ނަމަވެސް، އަހަރު ނިމުނުއިރު 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދު ނުކުރެވި ހުރި“ ކަމަށެވެ.
”މި ފައިސާ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން. އެހެންވީމާ އެ ފައިސާ ހަރަދު ކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ރައްޔިތުންނަށް ކަންކަން ކޮށްދޭން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ އޮގަސްޓް މަހާ ހަމައަށްވެސް ކައުންސިލްތަކުން ބްލޮކް ގްރާންޓް ފައިސާ ހަރަދުކުރުމުގައި ފަސްޖެހުން ފެންނަ ކަމަށާއި، ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ސޭވްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު، އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ބޮޑެތި ރަށްތަކުގެ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އަދަދު އިތުރުވެ، އެ ރަށްތަކުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމް