ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ޞަލާޙް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޞަލާޙް ވިދާޅުވި ގޮތުގައި، މި އިންތިހާބަށް ޖުމްލަ 200 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހާރު ވޯކް އިން އިންޓަވިއު ނިމި، ޝޯޓް ލިސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އިންތިހާބުގެ އޮފިޝަލުން ތަމްރީނު ކުރުމަށް ރޭވިފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވަމުން ޞަލާޙް ވިދާޅުވީ، ”ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް އަންނަ އަހަރުގެ ޖަނަވަރީ 3 އިން 8 އަށް މާލޭގައި ކުރިއަށް ގެންދެވޭނެ“ ކަމަށެވެ.
އަތޮޅުތަކުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 10 އިން 26 އަށް ކަމަށާއި، މާލޭގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ޖަނަވަރީ 10 އިން މާޗު 26 އާ ހަމައަށް ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވިއެވެ.
މި އިންތިހާބު ބޭއްވުމަށް ރޭވިފައިވާ ތާރީހާ ގުޅޭ ގޮތުން ޞަލާޙް ވިދާޅުވީ، އަންނަ އަހަރުގެ މާޗު މަހުގެ ފަހު ހަފްތާ ނުވަތަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި އިންތިހާބު ބޭއްވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026