މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލި މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނިންމުން ބަދަލު ކުރުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.
މި ނިންމުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން މެންބަރުންގެ އަދަދު ހަމަނުވާތީ އީސީން ކުރިން ނިންމި ނިންމުމެއް ކޯޓުން ބާތިލުކުރުމަށް ފަހު ނިންމި ނިންމުމެކެވެ.
އެމްއެލްއެސްޑީޕީ އުފެއްދުމަށް އިލެކްޝަންސްއިން ހުއްދަ ދިނީ 2018 ވަނަ އަހަރު އެވެ. ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް ދިން ހުއްދައިގެ ދަށުން އުފެއްދި މި ޕާޓީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އިލެކްޝަންސް އިން އިއުލާނު ކުރީ 15 މާޗު 2023 ގަ އެވެ. އީސީއިން އޭރު ބުނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ކަމަށެވެ.
ޕާޓީ އުވާލުމުން އެމްއެލްއެސްޑީޕީއިން ވަނީ މިކަން ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ކޯޓުގައި ރެޖިސްޓާކުރީ 5 ޖުލައި 2023 ގަ އެވެ. އެމްއެލްއެސްޑީޕީއިން ކޯޓުގައި ބުނެފައި ވަނީ މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެ ޕާޓީއަށް ނޭނގި، ޕާޓީން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް އީސީއިން ޕްރޮސެސްކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މެންބަރުން ހަމަކުރަން ދިން ސުންގަނޑި ހަމަވިއިރު ގާނޫނީ އަދަދަށް ވުރެ ދެ މެންބަރުން މަދުކަމަށް އީސީއިން އެންގި ކަމަށް ޕާޓީން ބުނެފައިވެ އެވެ. އެހެންކަމުން، ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް އިތުރު މުއްދަތު ނުދީ ޕާޓީ އުވާލާފައިވާތީ، އެ ޕާޓީ އަކީ 17 މާޗު 2022ގައި ދިން ނޯޓިހާ އެއްގޮތަށް 3،000 މެންބަރުން ހަމަވާ ޕާޓީއެއް ކަމަށް ކަނޑައަޅައިދިނުމަށް އެމްއެލްއެސްޑީޕީއިން އެދިފައިވެ އެވެ.
މި މައްސަލާގައި މިދިއަ މަހު 30ގައި ގާޒީ ސިނާން އަލީ ވަނީ ހުކުމްކުރައްވާފަ އެވެ. އެ ހުކުމުގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިނުވާކަމަށް އީސީއިން ނިންމި ނިންމުން ރިވިއުކުރުމަށެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ހުކުމުގައި ކަނޑައެޅި އެވެ. ކޯޓުގެ މި ހުކުމަށް ތަބާވެ، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެމްއެލްއެސްޑީޕީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފަ އެވެ. މިއާއެކު އެމްއެލްއެސްޑީޕީއަށް އަލުން ސިޔާސީ ހަރަކާތްތައް ފެށުމުގެ ފުރުސަތު ލިބިގެންދެ އެވެ.
