ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.
މި އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ޖުމްލަ 7000 އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ވަނީ ހާމަކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިންނެވެ.
އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅޭނީ ހަމައެކަނި އީސީގެ ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް، ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ލޮގިންވުމަށްފަހު، އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭން ޖެހޭނެ އެވެ. ޕޯޓަލްއަށް ހުށަހަޅާ ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލް ކަމަށް އީސީން ބުނެ އެވެ. ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ޗެކްކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ.
އެޕްލިކޭޝަން ހުށަހަޅާއިރު، ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.
މި ދެ އިންތިހާބުގެ އޮފިޝަލަކަށް ވުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުން ހިމެނެ އެވެ. މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުކުރެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައިފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެ އެވެ. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ މުސާރައިގެ ތަފްސީލުވެސް އީސީން ވަނީ ހާމަކޮށްފަ އެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް 2600 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ގުނާ އޮފިޝަލަކަށް 1800 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މަސައްކަތްކުރާ ގަޑިތަކަށް ބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުރިއަށް އޮތް އަހަރުގެ މާޗަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގަ އެވެ. ކެންޑިޑޭޓުންގެ ފޯމުތައް ވެސް ހުށަހަޅާން ޖެހޭނީ އީސީގެ ޕޯޓަލް މެދުވެރިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026
