ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އެއާޕޯޓަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށްފަހު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ފަޔާ ޓްރަކެއް ފުވައްމުލަކަށް ފޮނުވުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓުގެ ދަތުރުތައް މިއަދު ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.
އެމްއޭސީއެލްއިން ބުނީ އައްޑޫއިން ގެންދާ ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި ފުވައްމުލަކަށް ގެންދިއުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށާއި، އެ އުޅަނދު މިރޭ ފުވައްމުލަކާ ހަމައަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ލޮރީ ހުއްޓިފައިވަނީ ރަންވޭ މަތީގައި އޮއްވާ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ވަނީ ފުވައްމުލަކަށް ފޮނުވާފަ އެވެ. ނަމަވެސް އެ އުޅަނދަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނެ ވަކި ވަގުތެއް ކަނޑައެޅިފައި ނުވާތީ، އައްޑޫއިން އެހެން އުޅަނދެއް ގެނައުމަށް ވަނީ ނިންމާފަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމަށްފަހު އެމްއޭސީއެލްއާ ހަވާލުކުރެވުނު ފަހުން، ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އަދި ފަޔާ ފައިޓިން ސާމާނުގެ ހާލަތު ބެލުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަނީ ފަށާފަ އެވެ. އާރްއޭސީއެލްގެ ދަށުން ހިންގަމުން އައި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފައިވަނީ މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިންކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) އެމްއޭސީއެލް