ބޮޑު ތިލަދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވީ އުތުރުގެ ތަރައްގީގެ ތަޅުދަނޑިކަމަށާއި މިރޭ ބޮޑު ތިލަދުންމަތި ހޭލައިފިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެމްޑީ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީ ޝަރީފް މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ މިއަދު ހަނިމާދޫގައި ހުޅުވިގެން މިދަނީ ބޮޑު ތިލަދުންމައްޗަށް އަންނަ އެތަށް ސައްތަ މަތިންދާ ބޯޓެއް ހިތްފަސޭހަކަމުގައި އައިސް ޖައްސާނެ ވައިގެ ބަނދަރެއް ކަމަށެވެ.
ހޭލައިފި. މުޅި ބޮޑު ތިލަދުންމަތި ހޭލައިފި. މުޅި ބޮޑު ތިލަދުންމަތި މި ހޭލައި ގަތީ ވައިގެ ބަނދަރެއްގެ ސިފައިގައި ފެންނާން މި އޮތް އިގްތިސޯދީ ބޮޑު މަސައްކަތުގެ ފަހަތަށް އުފަންވެގެން އަންނާނެ އެތަށް ހާސް ވަޒީފާއަކާއި އޭގެ މޯހިރުން މުޅި ރާއްޖެއަށް އޮހެމުން އަންނާނެ ބޭރު ފައިސާގެ ސުމާރެއް ނެތް މަންފާތަކާއި އެއާއެކު ވަށައިގެން ތަރައްގީވާނެ ފަތުރުވެރިކަމުގެ ސިނާއަތްތައް.
ޝަރީފް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެތަށް ނަމެއް ކިޔިދާނެ ކަމަށާއި އެތަނަކީ ހަމައެކަނި ހަނިމާދޫ ވައިގެ ބަނދަރެއް ނޫންކަމަށެވެ. އެއީ ބޮޑު ތިލަދުންމަތި އަދި މުޅި އުތުރުންވެސް ދިއްލާލި އިގްތިސޯދީ ދަންމަރެއް ކަމަށާއި އެއީ ކާބަފައިން އުތުރަށް ވީ ވައުދެއް ކަމަށާއި މުސްތަގުބަލަށް ހުޅުވިގެން ދިޔަ ދޮރޯއްޓެއް ކަމަށެވެ. އަދި އެންމެ ހާއްސަކޮށް އެއީ އެތަށް ސަތޭކަ އަހަރެއް ވަންދެން މުޅި ބޮޑު ތިލަދުންމަތި ދުށް ގަދީމީ ހުވަފެނެއްކަމަށް ޝަރީފް ވިދާޅުވި އެވެ.

އީޖާދީ ވިސްނުމާއި އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ހަނިމާދޫގައި އުފަން ކުރި އަޖައިބެއް ފަދަ މި ވައިގެ ބަނދަރު، ކޮންމެ 365 ދުވަހަކުން 1.5 މިލިއަން ފަތުރުވެރިން ރާއްޖޭގެ އަސްކަނިން އެތެރެވާތަން ދުށުން އޮތީ މާތް ﷲގެ ވާގިފުޅާއެކު މާ ދުރަކު ނޫން.
އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫ އެވެ. މި މަޝްރޫގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލެއް އަދި އާ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން ކާގޯ އިމާރާތަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސްކޮށްފައިވެ އެވެ.
އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ މި މަޝްރޫ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަމަޖެހުނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް
