ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އޮސްޓްރިއާގެ ގައުމީ އެއާލައިން ކަމަށްވާ އޮސްޓްރިއަން އެއާލައިންސްއަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.
މިކަން ފާހަގަކުރުމަށްޓަކައި ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އެވެ. ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އެ އެއާލައިންގެ އޮފިޝަލުންގެ އިތުރުން ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުން އޮތެވެ. އަދި އެ ފްލައިޓުން ދަތުރުކުރި 321 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ކަމަށްވާ OS021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 1995 ގަ އެވެ. މި އެއާލައިންސް އަކީ 26 ޖުލައި 2025 ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 23 ވަނަ އެއާލައިނެވެ. މިކަމުގެ ސަބަބުން އާ ޓާމިނަލްގެ ހިދުމަތްތައް ވަނީ އިތުރަށް ފުޅާވެފަ އެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ޓާމިނަލް 1 ގެ ޒަމާނީ ވަސީލަތްތަކާއެކު މި އަމާޒަށް ވާސިލްވުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
