އައްޑޫ ސިޓީ ކައުންސިލުން ދެމުން އަންނަ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ދިނުމަށް ނިންމާ އެ ހިދުމަތްތައް އިފްތިތާޙުކޮށްފި އެވެ.
މި ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ކައުންސިލް އިދާރާގަ އެވެ.
ވަންގަވް މެދުވެރިކޮށް އައްޑޫ ކައުންސިލްގެ ޚިދުމަތްތައް ދިނުން ލޯންޗްކޮށްދެއްވީ ޓްރޭޑް ނެޓްގެ މެނޭޖިންގ ޑިރެކްޓަރު ސައީދާ އުމަރާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދާ ވިދާޅުވީ، ސަރުކާރުން ”މޯލްޑިވްސް 2.0“ ގެ ނަމުގައި ފަށާފައިވާ ޑިޖިޓަލް އިނިޝިއޭޓިވްގެ ދަށުން، އެންމެ ފުރަތަމަ ވަން.ގަވް އާއިލާގެ ތެރެއަށް ބަދަލުވެގެން މިދަނީ އައްޑޫ ކައުންސިލްގެ ޚިދުމަތްތައް ކަމަށެވެ.
ސައީދާ ވިދާޅުވީ މިއީ ވަރަށް އުފާވެރި ކަމެއްކަމަށާއި ވަކިން ޚާއްޞަކޮށް އެންމެ އުފާވަނީ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ މި ޑިޖިޓަލް ވިއުގައާ ގުޅައިލެވި، މި ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ވަން.ގަވްގެ ތެރެއިން ޚިދުމަތް ލިބޭނެ އިންތިޒާމު ފަހިވެގެން ދިއުމުން ކަމަށެވެ.
ސައީދާ ވަނީ ވަން.ގަވްގެ ޕްލެޓްފޯމް ފަރުމާކުރުމުގައި އައްޑޫގެ ޒުވާނުންގެ ހިއްސާ ވަރަށް ބޮޑުކަމަށާއި، އެއީ ޓްރޭޑްނެޓަށް ވަރަށް ޚާއްޞަ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، މިއަދު ތަޢާރަފުވެގެން ދިޔައީ އެމަނިކުފާނު ކައުންސިލަށް ވަޑައިގެންނެވި އިރު ވަރަށް އުންމީދުކުރެއްވި ކަމެއް ކަމަށެވެ. އަދި ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްވެ، ރައްޔިތުންނަށް މިހާރު ވަރަށް ފަސޭހަކަމާއެކު ޚިދުމަތްތައް ހޯދޭނެ ގޮތްވެގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއްކަމުގައި ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ޓްރޭޑްނެޓް