އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ޤާނޫނުއަސާސީގެ 115 ވަަނަ މާއްދާގެ (ޏ) އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.
މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު، ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ. މި އާންމު ވޯޓުގައި ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާގޮތުގައި، މި އާންމު ވޯޓުގައި ފޭދޫގެ 4،355 މީހުންނަށާއި، މީދޫގެ 2،347 މީހުންނަށާއި، އަދި ހުޅުދޫގެ 2،874 މީހަކަށް، ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ.
މި އާންމު ވޯޓުގައި ޖުމުލަ 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓާފައިވަނީ، ކަލާފާނު ސްކޫލްގަ އެވެ.
އައްޑޫ 115:
ޤާނޫނުއަސާސީގެ 115 ވަަނަ މާއްދާގެ (ޏ) ގައި ބުނެފައިވަނީ، ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ޤަރާރަކުން މި ވޯޓު ނެގުން ކުރިއަށްގެންދާއިރު، މިއީ އާންމު ވޯޓު ނެގުމުގެ ޤާނޫނު ވުޖޫދަށްގެނެސް ނެގޭ ފުރަތަމަ ވޯޓެވެ.
ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުތައް:
ހުޅުދޫގެ ރައްޔިތުންނަށް ހުށަހަޅާ ސުވާލުތައް
- އައްޑުއަތޮޅު ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
މީދޫ ރައްޔިތުންނަށް ހުށަހަޅާ ސުވާލުތައް
- އައްޑުއަތޮޅު މީދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ފޭދޫ ރައްޔިތުންނަށް ހުށަހަޅާ ސުވާލު
- އައްޑުއަތޮޅު ފޭދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް އިލެކްޝަންސް ކޮމިޝަން (އީސީ)
