އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އައްޑޫ މީދޫ، ހުޅުދޫ އަދި ފޭދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް އިއްޔެ ނެގި ވޯޓަކީ އެ ރަށްތަކުގެ ރައްޔިތުންގެ އެދުމުގެ މަތިން ބޭއްވުނު މުހިންމު ވޯޓެކެވެ. މިއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ވުޖޫދުވި ފަހުން ނެގުނު ފުރަތަމަ ވޯޓެވެ. ނަމަވެސް މި ވޯޓާއެކު ކަންބޮޑުވާ ކަންތައްތަކެއް މިވަނީ ފާހަގަވެފަ އެވެ. ފެނިގެން ދިޔައީ އިލެކްޝަންސް ކޮމިޝަން ފެއިލްވެފައިވާ މިންވަރެވެ.
މި ވޯޓުގެ ނަތީޖާއިން އެނގިގެންދިޔައީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ޒާހިދުގެ ހިންގުމުގެ ދަށުން އެ ކޮމިޝަން އަޑި އަޅާލާފައިވާ މިންވަރެވެ. މި ވޯޓަކީ ރައްޔިތުންނަށް އެކަމަކުން ސީދާ އަސަރު ކުރާނެ ވޯޓެއް ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާން ނިކުމެފައިވަނީ އެންމެ 47.14 އިންސައްތަ މީހުންނެވެ. މާނައަކީ ބާކީ 53 އިންސައްތައެއްހާ ރައްޔިތުން ވޯޓުލާފައެއް ނުވެ އެވެ. 50 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލީ ފޭދޫގައި އެކަންޏެވެ. އެއީ 55.94 އިންސައްތަ މީހުންނެވެ. މީދޫއިން 42.95 އިންސައްތަ މީހުން ވޯޓުލީއިރު ހުޅުދޫން ވޯޓުލީ އެންމެ 37.2 އިންސައްތަ މީހުންނެވެ. މި ވޯޓުގެ ނަތީޖާއަކީ ހަގީގީ އަގުލަބިއްޔަތުގެ ވިސްނުމެއް ތަމްސީލުކުރާ ނަތީޖާއެއް ނޫނެވެ.
”ވޯޓުގެ ކުރިން މިއީ ކިހިނެއްވާ ވޯޓެއްކަމެއް ނޭނގޭ މާ ރަނގަޅަށް. ވޯޓެއްލާކަން އިނގޭ. ސިޓީ ކައުންސިލުން ވަކިވާންކަން އިނގޭ. ކީއްކުރަން ކަމެއް ނޫނީ ވަކިވީމަ ވާގޮތެއް ނޭނގޭ. ވޯޓާއެކު ވަކިވަނީކަމެއް ނޫންކަމެއްވެސް ނޭނގޭ.“ އައްޑޫ ފޭދޫ މީހެއް.

މި ވޯޓުގައި މިހާ މަދު ބަޔަކު ވޯޓު ލާފައި މިވަނީ އިލެކްޝަން ކޮމިޝަނަށް މި ވޯޓާމެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އެފެއްދިފައި ނުވުމުގެ އިތުރުން ރައްޔިތުން ހޭލުންތެރިކޮށް، މައުލޫމާތު ދީ، ވޯޓުގެ މުހިންމުކަން ކިޔައިދީ، ވޯޓުލުމަށް ބާރުއެޅުމުގައި ނާކާމިޔާބުވުމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ، ވޯޓުލުމުގެ މުހިންމުކަން ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުމެވެ. ނަމަވެސް، މިކަމުގައި ކޮމިޝަނުގެ ފަރާތުން ފެނިގެންދިޔައީ ބޮޑު ނާކާމިޔާބީއެކެވެ. ވޯޓާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ އެއްވެސް ކެމްޕޭނެއް ނުވަތަ މައުލޫމާތު ދިނުމަށް މާ ގިނަ ޕްރޮގްރާމެއް ހިންގާފައިނުވެ އެވެ. އަދި މި މުހިންމު ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތައް ރައްޔިތުންނަށް ކިޔައިދިނުމަށްޓަކައި މީޑިޔާއާ އެކު މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވެ އެވެ.
ކޮމިޝަނުގެ ފަރާތުން ޓީވީ ޗެނަލްތަކަށް ނިކުމެފައިވަނީ އެންމެ ތިން ފަހަރަށެވެ. އަދި އެ ފަހަރުތަކުގައިވެސް މައުލޫމާތު ދީފައިވަނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ތަންތަން، ވޯޓުލާ ގަޑިތައް، ބަހައްޓަނީ ކިތަށް ވޯޓު ފޮށިކަން ފަދަ އިޖުރާއީ އަދި އިދާރީ ކަންކަމާއި ވޯޓަށް ކޮމިޝަން ތައްޔާރުވެފައިވާ މިންވަރެވެ. ވޯޓުލުމަށް ނިކުންނަންވީ ކީއްވެގެންތޯ، ނުވަތަ މި ނިންމުމުން ކުރާނެ ސީދާ އަސަރުތަކާމެދު މާ ބޮޑު ވާހަކައެއް ދައްކާފައިނުވެ އެވެ.

”ރައްޔިތުންގެ މެދުގައި މިހާ ބޮޑަށް ހިޔާލު ތަފާތުވެ، ދެބަސްވުން އުފެދިފައިވާ ކަމެއްގައި އިލެކްޝަންސް ކޮމިޝަނަށް ރަނގަޅު ގޮތެއްގައި މައުލޫމާތު ދެވުނުކަމަށް ގަބޫލެއް ނުކުރަން. މިފެނުނީ އެކަމުގެ ނަތީޖާ. މިއަށް ވުރެ ރަނގަޅަށް ރައްޔިތުން ހޭލުންތެރި ކުރުވަން އީސީން މަސައްކަތް ކުރިނަމަ ވޯޓުލާން ނިކުތް މީހުންގެ އަދަދު އިތުރުވީސް.“ އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރެއް.
ވޯޓުލުމަށް ނިކުތް މީހުންގެ އަދަދު މިހާ މަދުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާޢީލް ހަބީބާއި ނައިބު ރައީސް އަހުމަދު އަކްރަމް ފަދަ ބޭފުޅުން ކަންކުރި ގޮތާ ވަރަށް ބޮޑު ތަފާތެއް ހުރިކަން ހާމަވާ ކަމެކެވެ. އެ ދުވަސްވަރު ކޮމިޝަންގެ އިސް ބޭފުޅުންނަކީ މީޑިއާއަށް ފަސޭހައިން ވާހަކަ ދެއްކޭ، ވޯޓުލާ މީހުން ހޭލުންތެރިކުރުމަށްޓަކައި ރެޔާ ދުވާލު މަސައްކަތްކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުން ނޫސްވެރިންގެ ސުވާލުތަކަށް އަމިއްލައަށް ޖަވާބުދެއްވައި، މަޢުލޫމާތު ފެތުރުމުގެ ކެމްޕޭންތައް ހިންގެވި އެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް އެމީހުންގެ ވޯޓުގެ ބާރު ފަހުމުވި އެވެ.

”މިއަދުގެ ވޯޓުލާން ނިކުތް މީހުންގެ އިންސައްތައިން އެނގިގެންދިޔައީ ކަމާގުޅުންހުރި މުއައްސަސާތަކުން މިވޯޓަށް ތައްޔާރުވެފައިވާމިންވަރު ދައްކަން، ރައްޔިތުން ހޭލުންތެރިކުރެވިފައި ނުވާކަން، އެހެން ނޫންނަމަ މި އިންސައްތަ މިޔައްވުރެ މަތިވީސް. ކުރިޔައްހުރި އިންތިހާބުތަކުގައި މިކަމަށް އިތުރައް ސަމާލުވުން މުހިންމު.“ އީސީގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކުރަމް
އެއާ ހިލާފަށް، މިހާރުގެ ކޮމިޝަނުން ވަނީ މިހާ ބޮޑު ނިންމުމެއް ނިންމުމަށް ބާއްވާ ވޯޓެއްގައި މުހިންމު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ފަރުވާ ކުޑަކޮށްފަ އެވެ. މިކަމުގެ ނަތީޖާއަކީ ޑިމޮކްރެޓިކް މަސައްކަތްތަކަށް އޮންނަ އިތުބާރު ކުޑަވުމެވެ. މިއީ ސަރުކާރުގެ ނުވަތަ ރައްޔިތުންގެ ކުށެއް ނޫނެވެ. މިއީ ކޮމިޝަންގެ ހިމޭންކަމާއި ފަރުވާ ކުޑަކަމުގެ ސީދާ ނަތީޖާއެކެވެ.
މިފަދަ މުހިންމު ވޯޓުތައް ނިމިގެންދާއިރު، ރައްޔިތުންގެ ބޮޑު ބަޔަކު ބައިވެރިނުވާނަމަ، އެ ނިންމުންތަކުގެ މުހިންމުކަން ގެއްލި ނިންމުންތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބެ އެވެ. ޑިމޮކްރަސީ ބަލިކަށިވަނީ އެއް ދުވަހަކުން ނޫނެވެ. އެއީ އިދާރީ ފަރުވާ ކުޑަކަމާއި، ހިމޭންކަމުގެ ސަބަބުން މަޑުމަޑުން ހަލާކުވަމުންދާ ކަމެކެވެ. އިލެކްޝަންސް ކޮމިޝަން މީޑިޔާ އާއި އާއްމުންނާއި ދުރުދުރުން، ބަންދު ދޮރުތަކުގެ ފަހަތުގައި މަސައްކަތްކުރަމުންދާނަމަ، ކުރިއަށް އޮތް ރައްޔިތުންގެ ވޯޓުތަކާއި އިންތިހާބުތަކަށް ވެސް މިފަދަ އަސަރެއްކޮށް، ނުރައްކާތެރި އާދައަކަށް ވެދާނެ އެވެ. އެއްފަހަރު ވޯޓުލާންވީ ސަބަބެއް ނުފެނުމުން، އެއީ ނަމޫނާއެއްކަމަށް ބަލާ ދެވަނަ ފަހަރަށްވެސް ވޯޓުލާން ނިކުންނަ މީހުން މަދުވެދާނެ އެވެ. ރައްޔިތުންގެ ބާރާމެދު ރައްޔިތުން ފަރުވާ ކުޑަކޮށްފާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމަކީ އެ ކޮމިޝަންގެ ފެއިލިއާއެއްކަން ގަބޫލުކޮށް، އެކަމުގެ ޒިންމާ ނަގަން ޖެހެ އެވެ. އަދި އާންމުންނަށް އެކަށީގެންވާ ވަރަށް މައުލޫމާތު ދިނުމާއި، މުއާމަލާތްކުރުމާއި، ވޯޓުތަކުގެ މުހިންމުކަން ކިޔައިދީ ހޭލުންތެރިކުރުވުމުގެ ތެރެއިން ރައްޔިތުންގެ އިތުބާރު އަލުން ގާއިމުކުރަން ޖެހެ އެވެ.
ރައްޔިތުންނަށް ހައްގުވަނީ، ވޯޓުލުމުގެ މުހިންމުކަން ސާފުކޮށް ބުނެދޭ، ވޯޓުގައި ބައިވެރިވުމަށް ބާރުއަޅާ، އަދި މިފަދަ ކޮންމެ ވޯޓަކާއި އިންތިހާބެއް ހަމައެކަނި އިންސާފުވެރިކަމާއެކު ބޭއްވުމުގެ އިތުރުން އެކަމުގެ މުހިންމުކަން ރައްޔިތުންނަށް ރަނގަޅަށް ފަހުމްކޮށްދޭ ކޮމިޝަނެކެވެ. ޒިންމާ އަދާ ނުކުރެވޭނަމަ އިދާރީ ނިޒާމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ނުދީ، ނިޒާމު ފުރިހަމައަށް ހިނގާނެ މަގު ފަހިކޮށްދިނުން މާ އައުލާކަން ބޮޑެވެ.
