އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ އަދި ފަންނީ ގާބިލުކަން ކަނޑައަޅާފައިވާ މައި އޮނިގަނޑު މިއަދު އިފްތިތާހުކޮށްފިއެވެ.
މި އޮނިގަނޑު އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަހްމޫދު ޝައުގީއެވެ.
އޭސީސީން މައުލޫމާތު ދިން ގޮތުގައި މި އޮނިގަނޑުގެ މައިގަނޑު މަގްސަދަކީ ކޮމިޝަނަށް ގާނޫނު އަސާސީއާއި ކޮމިޝަނުގެ ގާނޫނުން މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކުލަވާލާފައިވާ ތަސައްވުރަށް ވާސިލުވުމާއި، ލަނޑުދަނޑިތައް ހާސިލުކުރުމާއި، ކޮމިޝަނުން ގަބޫލުކުރާ ހަމަތައް ނެގެހެއްޓުމެވެ.
މި އޮނިގަނޑު އެކުލެވިގެންވަނީ ޖެނެރަލް ކޮމްޕީޓެންސީ، ޓެކްނިކަލް ކޮމްޕީޓެންސީ އަދި މެނޭޖީރިއަލް ކޮމްޕީޓެންސީ މި ތިން ބަޔަށެވެ. ޖެނެރަލް ކޮމްޕީޓެންސީގެ ދަށުން ހުރިހާ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތައް ކަނޑައަޅާފައިވާއިރު، ޓެކްނިކަލް ކޮމްޕީޓެންސީގެ ދަށުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިލްމާއި ފަންނީ ގާބިލުކަން ހިމެނެއެވެ.
އޮނިގަނޑުގައި ކޮންމެ ކޮމްޕީޓެންސީއެއްގައި ތިން ފަންތިއެއް ކަނޑައަޅާފައިވެއެވެ. އެއީ ބޭސިކް ލެވެލް (ލެވެލް 1)، އިންޓަމީޑިއޭޓް ލެވެލް (ލެވެލް 2) އަދި އެޑްވާންސް ލެވެލް (ލެވެލް 3) އެވެ. މި ލެވެލްތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަގާމުތަކާއި ފަންތިތަކަށް ބަލައިގެންނެވެ.
އޭސީސީން ފާހަގަކުރި ގޮތުގައި މި އޮނިގަނޑުގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ސާފުކޮށް އެނގި، ކޮމިޝަނަކީ ގާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރެވޭ މުއައްސަސާއަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.