ރާއްޖޭގެ ސިއްހީ ދާއިރާގައި ގަވާއިދުތަކުގެ އޮނިގަނޑު ފުރިހަމަ ނުވުމުގެ ސަބަބުން، އެއް ބަލިމީހާއަށް އެކި ޑޮކްޓަރުންނަށް ދައްކައިގެން އެއް ޓެސްޓެއް ތަކުރާރުކޮށް ހެދުމުގެ ފުރުސަތު އޮތްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.
މިއަދު އާންމުކުރި އެ ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަލި ދެނެގަތުމުގެ ކަންކަމާއި ޚިދުމަތްދޭ އަމިއްލަ ތަންތަނުގައި އަގު ކަނޑައެޅުމުގެ އުސޫލުތައް އެކުލަވާލާފައި ނުވެއެވެ. އަދި ފަރުވާ ދިނުމުގައި ގެންގުޅޭނެ ”ޓްރީޓްމަންޓް ޕްލޭނެއް“ އަދި ”ޕްރެކްޓިސް ގައިޑްލައިނެއް“ ވެސް ނެތްކަން ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރުގެ ސިއްހީ ނިޒާމުގައި ހުރި މި ފަދަ ހުސްކަންތަކުގެ ސަބަބުން، އެއްވެސް ހުރަހެއްނެތި އެކި ޑޮކްޓަރުންގެ ކޮންސަލްޓޭޝަންތަކުގައި އެއް ޓެސްޓެއް ތަކުރާރުކޮށް ހެދުމުގެ ފުރުސަތު އޮވެއެވެ. އަދި މި ފަދަ ޓެސްޓުތަކަކީ ސިއްހީ ގޮތުން އެންމެ ބޭނުންތެރި ޓެސްޓުތަކެއްކަން ކަށަވަރުކުރާނެ މިންގަނޑުތަކެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ރެފަރަލް ނިޒާމާ ގުޅޭ ހަރުދަނާ ގަވާއިދެއް ނެތުމަކީވެސް ދާއިރާގައި ހުރި ބޮޑު މައްސަލައެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ނަޒާހަތްތެރިކަން ކަށަވަރުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އޭސީސީން ބުނެފައިވެއެވެ.
އާސަންދައާއި ސިއްހީ ފަރުވާގެ ގިނަ ކަންކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ހިމެނޭ މި ރިޕޯޓުގައި، މި ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހުށަހަޅާފައިވެއެވެ.