ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން ކަމަށް މިއަދުގެ ހުކުރު ހުތިބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ’ރަނގަޅު ޢާއިލާއެއް ބިނާކުރުން‘ އެވެ.
ހުތުބާގައި ބުނެފައި ވަނީ، اللّٰه تَعَالَى ދެއްވި މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ޙަޔާތުގެ ގުޅުމުން ވުޖޫދުވާ ޢާއިލާ ކަމަށާއި، ޢާއިލާއަކީ ދުންޔަވީ ޙަޔާތުގެ މުޑުވަކެއް ކަމަށެވެ. ޢާއިލާ ބަލިކަށިވެއްޖެ ނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެއް ކަމަށާއި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތް ﷲ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނެފައި ވަނީ، ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން ކަމަށެވެ. ޢާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި އެއަށް، ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ވެގެންނެވެ. ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެންނެވެ.
ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށްޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށްބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށާއި، ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށް ޓަކައި ހުޅުވޭނެ އަމާން ދޮރެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. ޢަޤީދާގެ ޢިލްމު ދަރީންނަށް އުނގަންނައިދިނުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސްވާޖިބުކަމުގައި ހައްދަވައިފައިވެ އެވެ.
ހުތުބާގައި ބުނެފައި ވަނީ، ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން ކަމަށާއި، އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެން ކަމަސާއި، އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދީގެން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ޢާއިލާގެ އެންމެހައި މެމްބަރުންގެ ޢަމަލުތައް ބަހައްޓައިގެން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.