މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަަރުކުރި އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފި އެވެ.
އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރުކުރީ:
- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27 އަހަރު)
- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22 އަހަރު)
- އއ. މާޅޮސް، ފިނިވާގޭ، އަހުމަދު ފާރިސް (27 އަހަރު)
މި މައްސަލައިގައި ވިޝާމް އަދި ފާރިސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އާޝިދުގެ ބަންދަށް ފުރަތަމަ ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި އާޝިދުގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ދިނުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ މިދިޔަ މުހުގެ 13 ވަނަދުވަހުުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. އަބްދުއްރަހްމާންގެ ބޮލާއި މޫނަށް ހަމަލާދީފައިވާއިރު، ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، އަބްދުއްރަހްމާން ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށެވެ.