މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ބިލެކެވެ. މެންބަރު ހަންނާނަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި މެންބަރެކެވެ.
މާދަމާގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހާނެ އެވެ.
މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ”ހަތަރެއްގެ ހައްގުގައި“ ގެ ނަމުގައި ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި މި ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގުތައް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކާއި މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މީޑިއާގެ ކޮންޓްރޯލް ލިބޭގޮތަށެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނުމާއި، ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލުމަށް މެންބަރުންނަށް އަންގާފައިވާނެކަމަށް ވިދާޅުވެފަ އެވެ.
މީޑިއާ ކޮންޓްރޯލް ބިލުގައި ބުނެފައިވަނީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު